މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އާއްމު ދަތުރުފަތުރުގެ ހިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ދަށަށް ބަދަލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.

އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރި ނަމަވެސް ދެ މަސްދުވަހުގެ މުއްދަތަކަށް އެމްޓީސީސީއާ ގުޅިގެން ބަހުގެ ހިދުމަތް ދޭނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އަދި އެމުއްދަތު ހަމަވުމުން އެމްޓީސީސީގެ ދަށަށް ބަހުގެ ހިދުމަތްތައް މުޅިން ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އެމްޕީއެލްގެ އާއްމު ހިދުމަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމާއި އެކު އެކަމާއި ގުޅުން ހުރި އެމްޕީއެލްގެ އެސެޓްތަކާއި ވަސީލަތްތައް ވެސް އެ ކުންފުނީގެ ދަށަށް ބަދަލުވާނެ ކަމަށެވެ.

އެމްޓީސީން ވަނީ އެ ކުންފުނީގެ އަމާޒަކީ ބަހާއި ފެރީގެ ހިދުމަތް ރައްކާތެރި އަދި ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ބުނެފައެވެ.