ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން، އޯޕީޑީ އިމާރާތުގެ މަސައްކަތުގެ 71 އިންސައްތަ ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން، އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް، ރޭނުމުގެ އަދި ހިޔާކުރުމުގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

މި އަހަރު ގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމްޓީސީސީ އިން ބުނީ މި މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއަކީ 33.5 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާއި މި މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

އެ ހޮސްޕިޓަލްގައި ސީޓީ އާއި މެމޯގްރަފީ ބެހެއްޓުމަށް ބޭނުންވާ އިމާރާތް ނިމިފައިވާއިރު، ވޯޑުތައް އޭސީކޮށް މިހާރު ވަނީ ނިމިފައެވެ.

މީގެ އިތުރުން ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ރީޖަނަލް އައިސީޔޫ ފެސިލިޓީއެއް ގާއިމުކޮށްފައިވާ އިރު ސައިކޭޓްރިސްޓް ހިދުމަތް ތައާރަފް ކޮށް އެ ހިދުމަތް ވެސް މިހާރު އަންނަނީ ދެމުންނެވެ.