ރާއްޖެއަށް މިވަގުތަށް އެކަށީގެންވާ ވަރަށް އަންނަ ޖުލައި މަހުގެ 20 ގެ ކުރިން ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ވެކްސިން ލިބޭނެ ސީދާ ތާރީހެއް ދަންނަވަން އެނގިވަޑައިނުގެންނެވި ނަމަވެސް އަންނަ މަހުގެ 12 ވަނަ ދުވަހާއި 20 ވަނަ ދުވަހާ ދެމެދު ވެކްސިން ލިބޭނެ ކަމަށެވެ.

ސަރުކާރުން ވަނީ ކޮވިޝީލްޑްގެ 300،000 ޑޯޒް ގަންނަން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއެސްއައި) އެކު ސޮއިކޮށްފައެވެ. އޭގެ ތެރެއިން އަދި މިހާތަނަށް ލިބިފައިވަނީ 100،000 ޑޯޒްއެވެ. ކޮވިޝީލްޑް ވެކްސިން ހުސްވެ ރާއްޖޭގައި ދެ ވަނަ ޑޯޒް ފުރިހަމަ ނުކުރެވި އެތައް ބަޔަކު ތިބިއިރު އެކަމާ ސުވާލު ކުރަމުން ދާތީވެ، މީގެ ކުރިން ވެސް ވަނީ ވެކްސިން ލިބޭނެ ކަމަށް ވިދާޅުވެ ތާރީހު ތަކަކާއި ވެކްސިން ލިބޭނެ މިންވަރުވެސް ހާމަކޮށްފައެވެ. އެހެން ނަމަވެސް އަދި ވެކްސިނެއް ނުލިބެއެވެ.

ކޮވިޝީލްޑްއަކީ, އެސްޓްރާޒެނަކާގެ ފޯމިއުލާއިން ތައްޔާރު ކުރި ވެކްސިން އަކަށް ވުމާއެކު, ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށް އެސްޓްރާޒެނަކާގެ ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ވަނީ ލަފާ ދީފައެވެ.

އެސްޓްރާޒެނެކާގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޑީއިން 700،000 ޑޯޒް ވެކްސިން ގަންނަން މިދިޔަ ޑިސެމްބަރުގައި ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފައެވެ. ސަރުކާރުން މިދިޔަ މެއި މަހު ބުނެފައި ވަނީ މި ހިނގާ ޖޫން މަހު އެ ވެކްސިން ލިބޭނެ ކަމަށެވެ.

މި ޖޫން މަހުގެ އަށްވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ޖުލައި މަސް ތެރޭގައި 500,000 ޑޯޒް ލިބޭނެ ކަމަށް އެސްޓްރަޒެނެކާ ކުންފުނިން ޔަގީންކަން ދީފައިވާ ކަމަށެވެ.

މީގެ ކުރިން ހެލްތް މިނިސްޓަރު ނަސީމް ވިދާޅުވެފައި ވަނީ, ރާއްޖެއިން އެއްބަސްވެފައިވާ 700,000 ޑޯޒްގެ އެސްޓްރާޒެނެކާ ވެކްސިން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މިިދޔަ މަސް ނިމުމުގެ ކުރިން ފުރަތަމަ ދެ ލައްކަ ޑޯޒް ލިބޭނެ ކަމަށް ނަސީމް ވިދާޅުވެފައި ވެއެވެ. އަދި ޖުލައި މަހު ވެސް ދެ ލައްކަ ޑޯޒް ގެންނާނެ ކަމަށް ނަސީމް ވިދާޅުވެފައިވެ އެވެ. އަދި އޯގަސްޓުގެ ނިޔަލަށް ބާކީ ތިން ލައްކަ ޑޯޒް ވެކްސިން ލިބޭނެ ކަމަށް ނަސީމް ވިދާޅުވެފައި ވެއެވެ. ނަމަވެސް އެ ތާރީހުތައްވެސް ދިމައެއް ނުވިއެވެ.

ރަޝިއާއިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިން ގެނައުމަށްވެސް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފައެވެ. އަދި މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ. މިއަދުވެސް މިނިސްޓަރު ވިދާޅުވީ އެ ވެކްސިން ހޯދަން ނޮން ޑިސްކްލޯޒާ އެގްރިމެންޓުގައި ސޮއިކޮށްފައިވާ ކަމަށާއި ޑިސްޓްރިބިއުޓް ކުރާ ކުންފުނިން އެކަން ބަލައިގަނެފައިވާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ އެގްރިމެންޓުގައި ހުރި ބައެއް ކަންތަކާ ގުޅިގެން ހުރި މަޝްވަރާތައް ކަމަށާއި ވަރަށް އަވަހަށް ޕާޗޭސް އެގްރިމެންޓުގައި ސޮއިކުރެވޭނެ ކަމަށެވެ.

އެމެރިކާ އިން ވެސް ވެކްސިން ހަދިޔާކުރާ ލިސްޓުގައި ރާއްޖެ ހިމަނާފައި އޮތް ނަމަވެސް އެ ވެކްސިލް ލިބޭނެ ދުވަހެއް ދަންނަވަން ނޭނގޭ ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ. ނަމަވެސް އެމެރިކާއިން ހަދިޔާ ކުރާ ވެކްސިން މި ހިނގާ ޖުލައި މަހު ލިބޭނެ ކަމަށް ރައީސް އޮތީ ކުރިން ވިދާޅުވެފައެވެ.