އައްޑޫ ސިޓީ ފޭދޫގައި 12 އަހަރުގެ ކުއްޖަކު ޒަހަމް ކޮށްލައިފިއެވެ.

''ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން މީޑިޔާ އޮފިސަލް ވިދާޅުވީ މިއަދު ފޭދޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފާ ވަނީ 12 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. މިހާދިސާގެ ރިޕޯޓް ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު 13:35 ހާއިރުއެވެ.

މި މާރާމާރީގައި އަނިޔާވި ކުއްޖާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުން ކަމަށްވެސް ފުލުހުން މީޑިޔާ އޮފިސަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތައް އިތުރު ވަމުން އަންނަ އިރު ދާދި ފަހުން ވަނީ 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް އަނިޔާކޮށް މަރާލައި ހުޅުމާލެ ފޭސް ގެ މޫދައް އެއްލާލާފައި އޮތް މައްސަލައެއް ފެންމަރިވެފައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ 2 މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން ދާއިރު، ކ. ކާށިދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފެންމަތިވެފައި ވެއެވެ. އެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.