މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މީގެ ދެހަފްތާ ކުރިން ވިދާޅުވެފައެވެ. ރައީސް ވިދާލުވީ ބްރިޖްގެ ޓެންޑާ ވަނީ މިހާރު ބަންދުކޮށްފައި ކަމަށެވެ. އަދި އިވެލުއޭޝަންގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެ މަސައްކަތް އޮތީ ނިމުމަކާ ހިސާބުގައި ކަމަށާއި އެމަސައްކަތް ބަޔަކާއި ހަވާލު ކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް މަސައްކަތް ފަށަން ބުނެފައިވާ ތާރީހް ނިމެން މިވަނީ އެންމެ 3 ދުވަހަށްވެފައެވެ. ސާވޭތައް ކުރެވި އެކަމަށް އެކަނިވެސް 15 މިލިއަން ޑޮލަރުވަނީ ހަރަދުކޮށްފައެވެ.

ބްރިޖް އެޅުމަށް ދާނެ ހަރަދު

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ތިލަފުށި ބްރިޖް

މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މައްސަކަތް ކުރުމަށް ބަޖެޓުގައި 469 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާ އިރު މި އަހަރުގެ ތެރޭގައި މި ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައެވެ. މިދިޔަ އަހަރު ތެރޭ ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި ތަފްސީލް ތަކުގައި ވާ ގޮތުގައި ބުރިޖް މަޝްރޫއަށް 7.6 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ވެއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ސާވޭގެ މަސައްކަތް ކުރުމަށް ގެނައި ބޯޓު

ބްރިޖް އަޅަން ބުނެފައިވާ ތާރީހްތަކާއި ދެކެވިފައިވާ ވާހަކަ

ޑިސެމްބަރު 15، 2019 ގައި ދަރުބާރުގޭގައި ބޭއްވި މަހާސިންތާގައި ވާހަކަ ދައްކަވަމުން ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅާލުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަސްލަމް ވިދާޅުވެފައިވަނީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާއިރު އަމާޒަކީ 2023 އަށް މަސައްކަތް ނިންމާލުން ކަމަށެވެ.

މާލެ ތިލަފުށި ބްރިޖުގެ ކުރެެހުމެއް

މާޗް 26، 2020 ގައި ގްރޭޓާ މާލެ ކަނެކްޓިވިޓީ-މާލެ ތިލަފުށި ލިންކް މަޝްރޫއުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތަކަށް މާލެއާ ވިލިނގިލިއާ ދެމެދު ކަނޑުގެ ސަރަހައްދުގައާ ވިލިނގިލި ދެކުނު ފަރުމަތީގައި ބޯހޯލް ތޮރުފުމުގެ މަސައްކަތް ފަށައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ. އޮގްސްޓް 13، 2020 ގައި މާލެ އާއި ތިލަފުށި ދެމެދުގައި އަޅަން ނިންމާފައިވާ ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މާލެ ތިލަފުށި ބްރިޖުގެ ކުރެެހުމެއް

ނޮވެމްބަރު 9، 2020 ގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓުގެ މަޝްރޫއާ އެކުއެކީގައި މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށާއި މި މަޝްރޫއަށް ބޭނުންވާ ފައިނޭންސް މިހާރު ވަނީ ހަމަޖެހިފާވާ ކަމަށެވެ. އަދި މި މަޝްރޫއު ވެސް އަވަހަށް ފެށިގެން ދާނެ ކަމަށާއި 2021 ވަނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫއަށް ވާނީ 469 މިލިއަން ރުފިޔާ ބަޖެޓުކޮށްފާ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ފެބްރުއަރީ 4، 2021 ގައި ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ، މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭ ފެށިގެން ދާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު / ފޮޓޯ: ރައީސް އޮފީސް

ޖޫން 8، 2021 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ އަމަލީ މަސައްކަތް ދެ ހަފްތާ ތެރޭ ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައެވެ. އަދި ބްރިޖްގެ ޓެންޑާ ވަނީ މިހާރު ބަންދުކޮށްފައި ކަމަށާއި އަދި އިވެލުއޭޝަންގެ މަސައްކަތް މިހާރު ކުރިއަށް ދާ އިރު އެ މަސައްކަތް އޮތީ ނިމުމަކާ ހިސާބުގައި ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.