ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ ޑްރާފްޓް އެއްބަސްވުމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލާފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2 އިން ވިއްކުމަށް ހަމަޖެހިފައިވާ 6,720 ފުލެޓްތަކަށް ހޮވިފައިވާ ފަރާތްތަކުން ފްލެޓްގެ ޑްރާފްޓް އެއްބަސްވުމަށް އެއްވެސް ހިޔާލެއް ހުށަހަޅަން ބޭނުންވާނަމަ އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތައް ޖުލައި 1 ކުރިން އެޗްޑީސީއަށް މެއިލް ކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރަން ފަށާއިރު، ސޮއިކުރަން ފަށާ ދުވަހު ތަޅުދަނޑި ހަވާލުކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އޭގެ އިތުރުން އެއްބަސްވުމުގައި ސޮއި ކުރަން ފެށުމުގެ ކުރިން ކަރަންޓުގެ މަސައްކަތް ކޮށް ނިންމުމަށް މަސައްކަތް ކުރާ ކަމަށާ އެދުވަހާ ހަމައަށް ނުނިމިއްޖެ ނަމަ ޖުލައި މަސް ނިމުމުގެ ކުރިން ކަރަންޓުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފައެވެ.

ފްލެޓުތައް ލިބުނު މީހުންނަށް މިހާރު ދަނީ އެ ތަންތަން ދެއްކުމުގެ މަސައްކަތް ކުރަމުންނެވެ.