ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތައް އިތުރަށް ނުބަލަން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައި ވަނީ ސްޓޭޓް އޯންޑް އެންޓަޕްރައިސެސް ކޮމިޓީ (އެސްއޯއީ) އިން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ ނައިބު މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވަނީ އޭސީސީން ބަލަމުންދާ ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އިސްލާހު ކުރަން އެންގި ކަންކަން ތަންފީޒުކުރަމުން އަންނަ ކަމަށް ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ.

ހުސައިން މުހައްމަދު ވިދާޅުވީ ވަކި ކުންފުންޏެއްގެ މައްސަލަ ބެލުމުގެ ބަދަލުގައި އެސްއޯއީތަކުގައި ހިމެނޭ ހުރިހާ ކުންފުނިތަކުން ޕްރޮކިއުމެންޓް ރިކުއާމަންޓްތައް ފުރިހަމަ ކުރަނީ ކިހާވަރަކަށްތޯ ބެލުން މާ މުހިއްމު ކަމަށެވެ. އަދި ވަކިން ފެނަކަ އިން އިތުރަށް މި މައްސަލަ ބަލަން ޖެހޭ ކަމަކަށް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުސައިން މުހައްމަދު ވަނީ ފެނަކައިން ހުރީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީގެ ރިކޮމެންޑޭޝަނަށް ފިޔަވަޅުތައް އަޅާފައިވާ ކަން ވެސް ފާހަގަކުރައްވާފައެވެ.

ކޮމިޓީގެ އެހެން މެންބަރުން ހުސައިން މުހައްމަދުގެ ވާހަކަތަކަށް ތާއީދުކޮށްފައިވާއިރު ކޮމިޓީން ނިންމީ ފެނަކައިގެ މައްސަލައިގެ އިތުރު ރިޕޯޓެއް ހަދާ މަޖިލީހުގެ ފްލޯ އަށް އެ މައްސަލަ ނުގެންދަންށެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އިއުލާން ކޮށްފައިވާ މި ސަރުކާރުގެ ކުންފުންޏެއްގައި ކޮރަޕްޝަން ހިނގަމުންދާ ކަން ނުވަތަ އެ ފުރުސަތު އޮތް ކަން ރައީސްގެ ސަމާލުކަމަށް އޭސީސީން ގެނައި އިރު އޭސީސީން އަންނަނީ އެ ކުންފުންޏާ ގުޅޭ 22 މައްސަލައެއް ތަހުގީގު ކުރަމުންނެވެ.