ނަފްރަތުގެ ބިލް ފާސްވެއްޖެ ނަމަ ރާއްޖެ ތުރުކީ ފަދަ ސެކިއުލަރިސްޓް ގައުމަކަށްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެކަމުން ގައުމު ސަލާމަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ އަޑު އިއްވަން އެބިލާ ދެކޮޅަށް އަޑުއުފުލުމަށް ސަލަފް ޖަމިއްޔާއިން ގޮވާލައިފިއެވެ.

ޖަމިއްޔަތުއްސަލަފުން ފޭސްބުކް ލައިވް މެދުވެރިކޮށް ކުރިއަށް ގެންދިޔަ 'މިހާލަތުގައި' ޕްރޮގްރާމުގައި އެ ޖަމިއްޔާގެ އިސް ބޭފުޅުންތަކެއް ވަނީ އާންމުން އެ ބިލާ ގުޅޭގޮތުން މަޖިލީހުގައި ތަމްސީލުކުރައްވާ މެންބަރުންގެ އަރިހުގައި ކަންބޮޑުވުން ފާޅުކުރުމަށް ގޮވާލައި ބިލުގެ ހަގީގަތާ މެދު ވާހަކަ ދެއްކުމަށް އެދިވަޑައިގެންފައެވެ. އެ ބިލުގެ ސަބަބުން ރާއްޖެއަށް ލިބިގެން ދާނީ އަސާސީ ހައްގެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ދީނީ ގޮތުން ނުބައި އަމަލުތައް އައުން މާ ގާތްކަމަށް ސަލަފްގެ ފަރާތުން ވާހަކަ ދެއްކެވި އައްޝެއިހް ހަސަން މޫސާ ފިކުރީ ވިދާޅުވިއެވެ.

ޝެއިހް ފިކުރީ ވަނީ އެގޮތުން ރާއްޖެއަށް އައިސްދާނެ ބައެއް ކަންކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ރާއްޖެއަށް ކެސީނޯ، ނައިޓްކުލަބުތައް، އައުން ގާތް ކަމަށާއި ޓެޓޫ ޖެހުން އަދި ގައިގެ އެކި ތަންތަން ތޮރުފުން ފަދަ ކަންކަން ވެސް ކުރުން އާންމު ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ފިރިހެނަކު އަންހެނަކަށްވުމުގެ ހައްގު، އަންހެނަކު ފިރިހެނަކަށްވުމުގެ ހައްގު ވެސް ރާއްޖެއިން ފެނިގެން ދިއުމުގެ ބިރުވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ގާނޫނުލް އުގޫބަތަށް ހުށަހަޅާފައިވާ އެ އިސްލާހަކީ ސޫފިޒަމް ކަހަލަ ސެކްޓްތައް ރާއްޖޭގައި ޕްރޮމޯޓްކޮށް މުޖުތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަން އަދި އެކުވެރިކަން ނަގާލާނެ އަމަލުތަކަށް މަގުފަހިކުރުވާނޭ ބިލެއްކަމަށް ޝެއިހް ފިކްރީ ވިދާޅުވިއެވެ.

އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝެއިހް އަހުމަދު ސަމީރު ވިދާޅުވީ އެ ބިލް ގާނޫނަކަށް ވެގެން ދިޔުމުން ރާއްޖޭގައި މުރުތައްދުގެ ހާލަތުގައިވާ މީހުންނާ ދެކޮޅަށް ވެސް އެއީ އިސްލާމް ދީނާ އިދިކޮޅު ބައެކޭ ބުނެވެން ނޯންނާނެ ކަމަށެވެ. އަދި އެމީހުންނަށް މުޖުތަމައުގެ ތެރޭގައި ފިތުނައާއި ޝައްކު އުފައްދަން ފުރުސަތު ދެވޭ ހިސާބުން އެ ބިލުގައި ހުރި ނުރައްކާ ހާމަވެގެންދާ ކަމަށް ޝެއިހް ސަމީރު ވިދާޅުވިއެވެ.

"ރާއްޖެ ސެކިއުލާ ވެއްޖެނަމަ އަންނާނެ މިހުރިހާ ކަމެއް. ކެސީނޯތައް އަންނާނެ، ނައިޓް ކުލަބުތައް އަންނާނެ. މިއަދުވެސް ޒުވާނުން އުފާކޮށް މަޖާކުރުމަށް ކުލަބެއް އޮންނަން ޖެހޭ ކަމަށް އޭގެ ރީތި ނަމެއް އަޅުވައިގެން އެއީވެސް އާންމު ރައްޔިތުންނަށް އޮޅުވާލުމުގެ މާނައިގައި މަސައްކަތްތަކެއް ކުރެވި އެ އަންނަނީ. މިއަދު ދިވެހި ރައްޔިތުންނަކީ އުފާފާޅު ނުކުރާ ބައެއް ހެން އެ ހީވަނީ. އެހެންވީމަ އެކަން ކަމަށް ވެސް އެބަ ގޮވާލެވޭ، ކެސިނޯތަކަށް ވެސް އެބަ ގޮވާލެވޭ. އެއީ މި މިނިވަންކަމުގެ ތެރެއިން އަންނާނެ ކަންތައްތައް. ދިވެހިންނަށް ނުލިބިފައިވާ ހައްގުތަކެއް ހޯދައިދޭން ކުރެވޭ ކަމެއް ނޫން."
ޝެއިހް ފިކުރީ

ޝެއިހް ސަމީރު ވަނީ ބިލުގައި ވާ އެއްޗެއް އާންމުންނަށް ފަހުމުނުވާ ކަމަށް ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކަށް ވެސް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ދިވެހިރާއްޖެއަކީ ހޭލުންތެރި ރައްޔިތުން ދިރިއުޅެމުންދާ ގައުމެއް ކަމަށެވެ. މި ރާއްޖޭގައި ރައްޔިތުންނަކީ އަރަބި ތާނަ ލިޔަންކިޔަން ނުދަންނަ ބައެއް އުޅޭ ތަނެއް ނޫން ކަމަށާއި މި ރާއްޖޭގެ ޒުވާނުންނަކީ ލިޔެފައި ހުންނަ އެއްޗިހި ކިޔަން އެނގޭ، އަދި މާނަ އެނގޭ ބައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝެއިހް ސަމީރު ވިދާޅުވިއެވެ. އެގޮތުން މެންބަރަކު ލިޔުއްވާފަ އޮތް ހަ ސަފްހާގެ ބިލު ދިވެހި ބަހުން ލިޔުއްވާފައިވާ އިރު، ދިވެހި ރައްޔިތުން އެ ކިޔައިގެން ނުވިސްނޭނެ ކަމަށް ބައެއް ބޭފުޅުން ގަބޫލު ކުރެއްވުމަކީ އެއީ ދިވެހި ރައްޔިތުންގެ ބޮލުގައި ޖާހިލިއްޔަތު އިލްޒަމު އެޅުވުން ކަމަށް ޝެއިހް ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޝެއިހް ސަމީރު ވިދާޅުވީ ހުރިހާ ކަމެއްގައި ދީނީ އިލްމުވެރިންގެ ރައުޔު ނެރެން ނުޖެހޭ ކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ ބިލުގައިވާ ކަންކަމާ ދެކޮޅަށް ދީނީ އިލްމުވެރިން ވާހަކަ ނުދެއްކުމަށް ގޮވާލާ މީހުންނަކީ އެއީ އެމީހުންގެ އެއްވެސް ކަމެއްގެ ތެރެއަށް ދީން ވެއްދުމަށް ދެކޮޅު ހަދާ ބައެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެބައެއްގެ އިޖްތިމާއީ ކަންކަމާއި އިގްތިސޯދީ ކަންކަމާއި ގައުމު ބައްޓަން ކުރާ ގޮތަށާއި، ހެދޭ ގާނޫނުތަކަށް ދީނީ ގޮތުން އެއްވެސް ބަހެއް އޮތުމަކީ އެފަދަ ބޭފުޅުން ގަބޫލުކުރާ ވާހަކައެއް ނޫން ކަމަށް ޝެއިހް ސަމީރު ވިދާޅުވިއެވެ.

އެ ބިލް ފާސްވެއްޖެނަމަ ރާއްޖެ ތުރުކީފަދަ ސެކިއުލަރިސްޓް ގައުމަކަށްވެ، އެކަމުގައި ހުރި ގެއްލުން ރާއްޖެއިންވެސް ފެނިގެންދާނޭކަމަށް ބުނެ ރައްޔިތުން އެކަމަށް ހޭލުންތެރިވުމަށް ޝެއިހް ފިކުރީ އާއި ސަމީރު ގޮވާލެއްވި އެވެ. އަދި ލާދީނީއޭ ގޮވާ ކޮންމެ ފަހަރަކީ ވަކި ޕާޓީއެއްގެ ވަކި މީހަކަށް އަމާޒުކޮށްގެން ބުނާ ބުނުމެއް ނޫންކަމަށްވެސް އެ ދެ ބޭފުޅުން ވިދާޅުވިއެވެ.