އިލެކްޝަން ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބުގެ މައްޗަށް ތުހުމަތުކޮށްފައިވާ ޖިންސީ ފުރައްސައިގެ މައްސަލަ އެ ކޮމިޝަނުގެ އެންޓި ހެރޭސްމަންޓް ކޮމިޓީން ބެލުމަށް ފަހު އަލުން މަޖިލީހަށް ފޮނުވައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރު ފުވާދު ތައުފީގް ވިދާޅުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން އެ މައްސަލަ ފޮނުވާލުމުން އެ ކޮމިޝަންގެ އެންޓި ހެރޭސްމަންޓް ކޮމިޓީން ތަހުގީގު ކުރުމަށް ފަހު އަލުން މަޖިލީހަށް ފޮނުވާފައި ވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
މިކަމާގުޅިގެން ބަހެއް ހޯދުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަށް ގުޅުމުން ޖަވާބެއް ނުދެއްވައެވެ.
ހަބީބުގެ މައްސަލަ އެންމެ ފުރަތަމަ ހުށައަޅާފައި ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ އަށެވެ. ކޮމިޓީ އިން އެ މައްސަލަ ބެލުމަށް ފަހު އީސީ އަށް އަންގާފައި ވަނީ އެ ކޮމިޝަންގެ އެންޓި ހެރޭސްމަންޓް ކޮމިޓީން ފުރަތަމަ އެމައްސަލަ ބެލުމަށެވެ. އަދި އެންޓި ހެރޭސްމަންޓް ކޮމިޓީން ހަބީބުގެ މައްސަލަ ބެލުމަށް ފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވުމާ މެދު ގޮތެއް ނިންމުމަށް ވަނީ އެދިފައެވެ.
ހަބީބުގެ މައްޗަށް ޖިންސީ ފުރައްސައިގެ ތުހުމަތު ކޮށްފައި ވާއިރު މީގެ ކުރިން އޭނާގެ މައްޗަށް ވަނީ ދައުލަތުގެ ވަސީލަތެއް ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅާފައެވެ.
ހަބީބުގެ އިތުރުން އެ ކޮމިޝަނުގެ ކުރީގެ ނައިބުރައީސް އަހްމަދު އަކްރަމްގެ މައްޗަށް ވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ވަނީ މީގެ ކުރިން އަމާޒު ވެފައެވެ.