މިއަދު 150 މީހަކު ރާޢްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 30 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 101 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 17 މީހަކާއި ލިވަ ބޯޑުން ދެ މީހެކެވެ.

މިއަދު ޕޮޒިޓިވްވި 150 މީހުންނާއެކު މިމަހު ޕޮޒިޓިވްވި ޖުމްލަ އަދަދަކީ 8698 އެވެ.

ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 4067 އަށް ތިރިވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އިއްޔެ އެކްޓިވް ކޭސްގެ އަދަދު އުޅުނީ 4362 ގައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 73،094 އެވެ. މީހުންގެ ތެރެއިން 68،806 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 209 އަށް އަރާފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން މިހާރު މާލެ ސަރަހައްދުގައި ހިންގާ ކާފިއު ވަގުތު ވަނީ ކުޑަކޮށްފައެވެ. އެގޮތުން މިހާރު ކާފިއު ހިންގާނީ ހަވީރު 6 އިން ފަތިހު 4 އަށެވެ.

މީގެ އިތުރުން ސެލޫންތައް ހުޅުވުމަށް ހުއްދަ ދޭން ނިންމި ގޮތަށް ހިދުމަތްދޭ ޕްލޭން ހުށަހަޅައިގެން ޖިމްތައް ހުޅުވުމުގެ ހުއްދަ ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ހުއްދަ ދެވޭ ޖިމްތައް ހުޅުވޭނީ ފަތިހު 5 އިން އިރުއޮއްސި 6 އަށެވެ.

އޭގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ހަމަޖެހުނު ނަމަވެސް މޮނިޓަރިންގެ ހާލަތުގައި ހުންނަ ރަށްރަށާއި ގެސްޓް ހައުސްތައް ހިންގާ ރަށްރަށުގައި އަދިވެސް އަމަލު ކުރަމުން ދާނީ ކުރީގެ އުސޫލާ އެއްގޮތަށް ކަމަށެވެ.