މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތު ކޮށްފައިވާ ސިމްބޮލިކް ރެކޯޑްސްގެ ރެޕް އާޓިސްޓް އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ ޕެސްޓާ ހައްޔަރު ކުރީ، މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު މާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އެ މައްސަލައިގައި، ޕެސްޓުގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމާއި، ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި މިއަދު ބާއްވާފައިވަނީ ބަންދާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުމެކެވެ. ދައުލަތުން އެދިފައިވަނީ ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުގައި ބެހެއްޓުމަށެވެ. އަދި މިކަމާ ގުޅޭ ގިނަ ސަބަބުތަކެއް ވަނީ ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނަރަލް (ޕީޖީ) ގެ ވަކީލް ފާހަގަކޮށްފައެވެ.

އެކަމަށް ޕެސްޓްގެ ވަކީލުން ދެކޮޅު ހެދިޔަސް، ގާޒީ ހުސެއިން ފާއިޒު ރަޝާދު ނިންމެވީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުރުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރާށެވެ.