ހިންދު ނޭޝަނަލިސްޓް ފިކުރުގެ ނަރޭންދްރާ މޯދީ، އިންޑިއާގެ ސިޔާސީ މައިދާން ފަތަހަ ކުރެއްވީ، ވަރުގަދަ ވައުދުތަކަކާއެކުއެވެ. ގިނަ ވަޒީފާތަކާ، ތަނަވަސްކަން ގެނެސްދިނުމުގެ އިތުރުން، ސަރުކާރުގައި ހުރި "ދޯހަޅި" ކަންކަން އިސްލާހް ކުރައްވާނެ ކަމުގެ ވައުދުތަކާއެކުގައެވެ.

މި ވަރުގަދަ މެންޑޭޓް ވީ، 2014 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް، އެތައް ބައެއްގެ އުއްމީދު އާ ކޮށްދިން މެންޑޭޓަކަށެވެ. އިސްލާހީ ބަދަލަށް ފެންބޮވައިގެން ފައި އޮތް ބޮޑު އަބާދީއިން އެކަން ބަލައިވެސްގަތީއެވެ.

ނަމަވެސް، މޯދީގެ ބޮޑުވަޒީރު ކަމުގައި 7 އަހަރު ފާއިތުވެ ދިޔައިރު، އިގުތިސޯދީ ރެކޯޑް އޮތީ މާ އެދެވޭ ގޮތަކަށް ނޫނެވެ. އުޒުރެއް ކަމުގައި ހައްދަވަން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ވެސް ހަތިޔާރެއްގެ ގޮތުގައި ލިބިވަޑައިގަތީއެވެ. ނަމަވެސް 7 ނުކުތާއަކުން، މޯދީގެ ވެރިކަމުގައި، އިންޑިއާގެ އިގުތިސޯދީ ވިދުން ފަނޑުވި 7 ގޮތެއް ހުލާސާކޮށްލެވިދާނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (މ) ލަކްޝަދީބުގައި / ފޮޓޯ: ވިކިމީޑިއާ ކޮމަންސް

ކުރިއެރުން މަޑުޖެހުން

ގައުމެއްގެ އިގުތިސީދީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީއަކީ އެ ގައުމެއްގެ އިގުތިސޯދީ ތަނަވަސްކަމާއި ހީނަރުކަމުގެ މޫނު ބަލާ ލޯގަނޑު ކަމުގައި ދެންނެވިދާނެއެވެ. 2025 ވަނަ އަހަރު އަންނައިރު، އިންޑިއާގެ ޖީޑީޕީ، 5 ޓްރިލިއަން ޑޮލަރަށް ގެންދިއުމަށް މޯދީ އަމާޒު ކަނޑައެޅުއްވިއެވެ.

ބާޒާރުގައި ތަކެތީގެ އަގު އުފުލޭ ނިސްބަތް ނުވަތަ އިންފްލޭޝަނަށް ރިއާޔަތް ކޮށް، މި އަދަދު 3 ޓްރިލިއަން ޑޮލަރަށް އެރުމަކީވެސް މިއަދު ބިލާހެއް ފަދަ ހުވަފެނަކަށް ވެއްޖެއެވެ.

ފިޔާ އަދި އަލުވި ފަދަ ޒަރޫރީ ކާބޯތަކެތި ވިއްކާ ކަޑައެއް ގައި ވިޔަފާރީގެ މުއާމަލާތް ހިންގަނީ / ފޮޓޯ: ވީއޯއޭ

ކޮވިޑް-19ގެ ރޯޅީގައި ދުނިޔެ އިނދަޖައްސާލުމުގެ ކުރިން ހަދާފައިވާ މިނިވަން އަންދާޒާތަކަށް ބަލާއިރު، އެންމެ ފުރިހަމައަށް އިންޑިއާގެ އިގުތިސޯދީ އޮޕަރޭޓް ކޮށްގެންގެންވެސް 2025 ވަނަ އަހަރު އަންނައިރު އެ ގައުމުގެ ޖީޑީޕީ އިތުރު ކުރެވޭނީ 2.6 ޓްރިލިއަން ޑޮލަރަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މީގެ ތެރެއިން 200-300 ބިލިއަން ޑޮލަރު އުނި ކުރަން ޖެހެއެވެ.

އިގުތިސޯދީ ތަޖުރިބާކާރު، އަޖީތު ރަނާދީ ވިދާޅުވާ ގޮތުގައި، ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގެ އަގުތަކާއެކު، އިންފްލޭޝަން ރޭޓް މައްޗަށް ދިއުމަކީވެސް މިއަދު އިންޑިއާއަށް ކުރިމަތިލާން ޖެހިފައިވާ ކަންބޮޑުވުމެކެވެ.

މި ހުރިހާ ކަމެއްގެ ޒިންމާ ކޮވިޑްގެ ބޮލަށް ޖެހޭކަށް ނެތެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް އޮކްސިޖަން ސަޕްލައި ނުލިބުމުގެ މައްސަލަ ބޮޑުވި / ފޮޓޯ: ކުއާޓްޒް

އިންޑިއާގެ ބޮޑުވަޒީރު ކަމާ މޯދީ ހަވާލުވެވަޑައިގެންނެވިއިރު، އެ ގައުމުގެ ޖީޑީޕީގެ ކުރިއެރުމުގެ ދުވެލި އޮތީ 7-8 ޕަސެންޓާ ދެމެދުގައެވެ. ނަމަވެސް، 2019-2020 ގެ ހަތަރުވަނަ ކުއާޓަރަށް ބަލާއިރު، މި އަދަދު ވަނީ 3.1 ޕަސެންޓަށް ދަށަށް ގޮސްފައެވެ. މިއީ ފާއިތުވީ 10 އަހަރު ދުވަހުގެ ތެރޭގައިވެސް ނުދާހާ ދަށް މިންވަރެކެވެ.

ނަގުދު ފައިސާގެ ނިޒާމަށް 2016 ވަނަ އަހަރު ގެނައި ބަދަލާއެކު، ބާޒާރުގައި ދައުރު ކުރަމުން ދިޔަ 86 ޕަސެންޓް ނަގުދު ފައިސާ ބޭނުން ކުރުން މަޑުޖައްސާލިއެވެ. ލައިނުގަނެގެން ތައާރަފު ކުރި އާ ޓެކްސް ކޯޑުގެ ސަބަބުން ވިޔަފާރިތަކަށް ފޯރި އަސަރުގެ މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ.

މިހާ ހިސާބުން އިތުރު މައްސަލައެއް ފެންމަތިވެ، މަސްރަހު ނުތަނަވަސް ކުރުވިއެވެ.

ވަޒީފާ ނެތުމުގެ މައްސަލަ އިންތިހާ

ސެންޓާ ފޮ މޮނިޓަރިންގް އިންޑިއަން އިކޮނޮމީ (ސީމީ) ގެ ސީއީއޯ، މަހޭޝް ވިޔާސް ވިދާޅުވާ ގޮތުގައި، 2011-2012 އިން ފެށިގެން އިންޑިއާއަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންވެސްޓްމަންޓްތައް ދަށްވުމުގެ މައްސަލައެވެ. އޭގެ ފަހުން، 2016 ވަނަ އަހަރަށް ފަހު، އިންޑިއާގެ އިގުތިސޯދަށް ބޮޑެތި ޝޮކްތަކެއް ޖެހުނު ކަމަށްވެސް ވިޔާސް ވިދާޅުވިއެވެ.

ނަގުދު ފައިސާގެ ނިޒާމަށް ގެނައި ބަދަލާ، ޖީއެސްޓީއާ ގަވައިދާ، ލޮކްޑައުންތަކުގެ ސަބަބުން ވަޒީފާގެ އަދަދުތައް މަދުވިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި މާޔޫސް ކަމުގައި އިން އިންޑިއާ މީހެއް /ފޮޓޯ: ގެޓީ އިމޭޖަޒް

އެންމެ ފަހުން ލިބިފައިވާ ރަސްމީ ރެކޯޑްތަކަށް ބަލާއިރު 2017-2018 ގައި އިންޑިއާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ 6.1 ޕަސެންޓަށް އަރާފައެވެ. މިއީ 45 އަހަރު ދުވަހުގެ ތެރޭގައި މި އަދަދު، މިހާ މަތިން ރެކޯޑް ކުރި ފުރަތަމަ ފަހަރެވެ. ސީމީއިން ކުރިއަށް ގެންދިޔަ ސާވޭތަކަށް ބަލާއިރު، މިއަދަދު މިހާރު ވަނީ ގާތްގަނޑަކަށް 2 ގުނަ އިތުރު ވެފައެވެ.

2021 ވަނަ އަހަރަށް ފެށުނު ފަހުން އެކަނިވެސް، 25 މިލިއަނަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިއްޖެއެވެ. އަދި 75 މިލިއަނަށް ވުރެ ގިނަ މީހުން، އިންތިހާ ފަގީރު ކަމުގެ ތެރެއަށް އަލުން ވެއްޓިއްޖެއެވެ. 100 މިލިއަނެއްހާ މީހުންގެ މައްޗަށް އެކުލެވޭ، އިންޑިއާގެ ވަރުގަދަ މެދު ފަންތީގެ އާބާދީގެ 3 ބައިކުޅަ 1 ބައިވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ޕިއު ރިސާޗުން ދައްކައެވެ.

އަހަރެއްގެ މައްޗަށް އިންޑިއާގައި އަލަށް އުފައްދަން ޖެހޭ ވަޒީފާއަށް ބަލާއިރު، މޯދީގެ ވެރިކަމުގައި ފާއިތުވީ ކޮންމެ އަހަރަކުވެސް ވަޒީފާ އުފައްދާފައި ވަނީ 20 މިލިއަން (ވަޒީފާގެ ފުރުސަތު) މަދުން ކަމަށް ރަނާދޭ ވިދާޅުވިއެވެ. ފާއިތުވީ 10 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގައި އަލަށް އުފައްދާފައިވަނީ އެންމެ 4.3 މިލިއަން ވަޒީފާގެ ފުރުސަތެވެ.

އިންޑިއާގެ ޔަމުނާ ހާދަރު ފަގީރު އަވަށުގެ ޖިފުޓިތަކެއް / ފޮޓޯ: ރެޑިޓް

އުފެއްދުންތެރިކަމާއި އެކްސްޕޯޓް ދަށްވުން

"މޭކް އިން އިންޑިއާ" އަކީ މޯދީގެ އެންމެ ވަރުގަދަ އެއް އެޖެންޑާއެވެ. އަމާޒަކަށް ވީ ބައިނަލްއަގުވާމީ ފެންވަރުގައި މުދާ އުފައްދާ ހަބަކަށް އިންޑިއާ ހެދުމެވެ. އެކަން ކުރުމަށްޓަކާ، ސަރުކާރުގައި ހުރި ހުރަސްތައް ކުޑަކޮށް، އެކްސްޕޯޓް ހަބްތަކަށް އިންވެސްޓްމަންޓްތައް އިތުރު ކުރުމެވެ.

އަމާޒު ހިފީ އިންޑިއާގެ ޖީޑީޕީގެ 25 ޕަސެންޓަކީ އުފެއްދުންތެރި ކަމުގެ ސިނާއަތުގެ ހިއްސާ ކަމުގައި ހެދުމަށެވެ. 7 އަހަރު ފާއިތުވެ ދިޔަ އިރު، މި ނިސްބަތް އޮތީ އެންމެ 15 ޕަސެންޓްގައެވެ. ހަގީގަތް އަދި މާ ހިއްޗެވެ. އުފެއްދުންތެރިކަމުގެ ސިނާއަތުގެ ވަޒީފާތައް، ދެބައި ކުޅަ އެއްބައި، ފުރަތަމަ 5 އަހަރު ދުވަހުގެ ތެރޭގައި މަދުވިއެވެ.

އިންޑިއާގެ ބާޒާރެއްގައި ފިޔާ ވިއްކަން އިން ދޮށީ އުމުރުގެ މީހެއް/ފޮޓޯ: ދަ ހިންދޫ

އިންޑިއާގެ އެކްސްޕޯޓް ވިޔަފާރި، 300 ބިލިއަން ޑޮލަރުގައި ތާށިވެފައި އޮންނަތާ މިހާރު 10 ވަރަކަށް އަހަރު ވެއްޖެއެވެ. މޯދީގެ ވެރިކަމުގައި، މުހިންމު މާކެޓްތަކެއް، ބަންގްލަދޭޝް ފަދަ ގައުމުތަކަށް ގެއްލުނެވެ.

އުމްރާނީ ބިނާވެށީގެ މަޝްރޫއަށް ވީ ކިހިނެއް؟

އިންޑިއާގެ އިންފްރާސްޓްރަކްޗާ ސިނާއަތުގައި މަސައްކަތް ކުރާ ފީޑްބެކް އިންފްރާގެ ކޯފައުންޑަރެއް ކަމަށްވާ ވިނާޔަކް ޗައްތީރުޖީ ވިދާޅުވާ ގޮތުގައި، މޯދީގެ ސަރުކާރުން ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް، 36 ކިލޯމީޓަރުގެ ހައިވޭ އަޅައެވެ. އޭގެ ކުރީގެ ވެރިކަމުގައި ނިސްބަތް އޮތީ 8-11 ކިލޯމީޓަރާ ދެމެދު މިންވަރެއްގައެވެ.

އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުތައް އިންސްޓޯލް ކުރި މިންވަރު، 5 އަހަރުގެ ތެރޭގައި 2 ގުނަ އިތުރުވިއެވެ. މިހާރުވެސް ގާތްގަނޑަކަށް 100 ގިގަވޮޓްގެ އިޔާދަކުރަނިވި ހަކަތަ އުފައްދައެވެ. އިންޑިއާ ދަތުރު ކުރަމުން ދަނީ، 2023 ވަނަ އަހަރު އަންނައިރު، މިއަދަދު 175 ގިގަވޮޓަށް އިތުރު ކުރުމުގެ އަމާޒަށް ވާސިލު ވަމުންނެވެ.

އިންޑިއާގެ 8 ޔޫނިއަން ޓެރިޓަރީގެ ތެރެއިން އެންމެ ކުޑަ ސަރަހައްދުގެ ގޮތުގައި އޮތް ލަކްޝަވަދީޕުގެ އާންމުން / ފޮޓޯ: އިންޑިއަންއެކްސްޕްރެސް

އާންމު ތަންތަނަށް ދެކަމު ހާޖަތަށް ދިއުން ހުއްޓުވުމަށް އެތައް މިލިއަން ފާހާނާއެއް އެޅުމުގެ ސްކީމްތަކާ، ހައުސިންގް ލޯންތަކާ، ކައްކާ ގޭހާއި ސަޕްލައި ފެނުން ފަގީރުންނަށް ސަބްސިޑީ ދިނުމުގެ ސްކީމްތަކަކީވެސް އިކޮނޮމިސްޓުންގެ ތައުރީފު ލިބުނު ސްކީމްތަކެކެވެ.

ނަމަވެސް، ހަގީގަތަކީ، ގިނަ ފާހާނާތަކުގެ ބޭނުން ކެނޑިފައި ވާ ކަމެވެ. ނުވަތަ ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ސަޕްލައި ކަށަވަރު ނުވާ ކަމެވެ. އަދި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން، ސަބްސިޑީގެ މާ ބޮޑު ބޭނުމެއް ނެތް ކަމެވެ.

ޓެކްސްއާއި އެކްސްޕޯޓް ވިޔަފާރިން ގައުމަށް ވަންނަ އާމްދަނީ އިތުރު ވަމުން ނުދިޔަ ކަމުގައި ވީ ނަމަވެސް، ހަރުދުތައް އިތުރުވުމަކީ، ގައުމުގެ ފިސްކަލް ދަރަނި ފުއްޕާ ހަމެއްހެން ފުފެމުން ދާ ސަބަބެއްކަމީ، އަނެއްކާ އަނެއް ކަންބޮޑުވުމެވެ.

އިންޑިއާ ރާއްޖެ ދެމެދު ދަތުރު ކުރަން ހަމަޖެހިފައިވާ ކާގޯ ފެރީ / ފޮޓޯ: ސޯޝަލް މީޑިއާ

ރަސްމީ އިގުދިސޯދީ ނިޒާމުގެ ބައިވެރިން އިތުރުވުން

މިއީ މޯދީގެ ސަރުކާރުގެ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރާ ކަމެކެވެ. ޑިޖިޓަލް ޕޭމަންޓް ޕްރޮމޯޓް ކުރުމުގެ ތެރެއިން، ފަގީރު އާއިލާތަކަށްވެސް ރަސްމީ އިގުތިސޯދުގެ ތެރެއިން މުއާމަލާތް ހިންގަން ފުރުސަތު ފަހިވިއެވެ.

އެކައުންޓްތަކާ ޑިޕޮސިޓް އިތުރުވި ކަމުގައި ވީ ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި މީގެ ތެރެއިން ގިނަ އެކައުންޓްތަކަކީ ބޭނުން ކުރާ އެކައުންޓްތަކެއް ނޫނެވެ.

އިންޑިއާ ފައިސާ ރުޕީސް/ ފޮޓޯ: ޒީ ނިއުސް

ސިއްހީ ނިޒާމުގެ ހީނަރު ހޭދަ

އިކޮނޮމިސްޓް ރީތިކާ ހޭރާ ވިދާޅުވާ ގޮތުގައި، ކުރީ ސަރުކާރުތަކެކޭ އެއް ފަދައިން، މޯދީގެ ސަރުކާރުގައިވެސް އަޅާނުލެވި އޮތް އެންމެ އަސާސީ އެއް ނިޒާމަކީ ސިއްހީ ހިދުމަތުގެ ނިޒާމެވެ. ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވީ ނަމަވެސް، ސިއްހީ ނިޒާމަށް އެންމެ މަދުން ހޭދަ ކުރާ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭ ކަމަށް ހޭރާ ވިދާޅުވިއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހޭދަ ކުރުން މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި ވަނީ، ބަލިން ދިފާއުވުން ނުވަތަ އަސާސީ ސިއްހީ ފަރުވާއަށް ވުރެ ބޮޑަށް ޓާޝަރީ ފަރުވާއަށެވެ.

ނަތީޖާއަކަށް ވަނީ ސިއްހީ ފަރުވާގެ އަގު އުފުލި، ސިއްހީ ފަރުވާގެ މާ ބޮޑު ނަތީޖާއެއް ފެންނަ ގޮތް ނުވުމެވެ.

އިންޑިއާގެ ހުރިހާ ހިސާބަކުން ހެން އޮކްސިޖަން ނުލިބުމުގެ ހިތްދަތި ކަމާ މާޔޫސްކަން ފެނިގެން ދިޔަ / ފޮޓޯ: ރޮއިޓާޒް

2018 ވަނަ އަހަރު މޯދީ ތައާރަފު ކުރެއްވި ހެލްތު އިންޝުއަރަންސް ސްކީމްގެ މާ ބޮޑު ބޭނުމެއް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ފެނިގެން ގޮސްފައެއް ނުވެއެވެ.

ގިނަ ބަޔަކު އަދިވެސް ތިބީ ދަނޑުބިންތަކުގަ

އިންޑިއާގެ އާބާދީއިން މަސައްކަތް ކުރާ އުމުރުފުރާގެ މީހުންގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުން އަދިވެސް މަސައްކަތް ކުރަމުން ދަނީ ދަނޑުބިންތަކުގައެވެ. ނަމަވެސް، މިއީ ޖީޑީޕީގެ ކުޑަ އިންސައްތައެއް ހިއްސާ ކުރާ ދާއިރާއެކެވެ.

އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތަށް އިސްލާހީ ބަދަލު ބޭނުން ވާ ކަމަށް ކޮންމެ މީހަކުވެސް ގަބޫލު ކުރެއެވެ. ބާޒާރުތަކަށް ހެޔޮ ފާލަކަށް އެޅުވުމަށް ސަރުކާރުން ތައާރަފު ކުރި ސިޔާސަތުތަކާ މެދު ހިތްހަމަ ނުޖެހުން އުފެދި، މުޒާހަރާތައް ވަރުގަދަ ކުރުމުގެ ސަބަބުން، އެ މަސައްކަތްވެސް އޮތީ މަޑުޖެހިފައެވެ.

އިންޑިއާގެ ދަނޑުވެރިން މުޒާހަރާ ކުރަނީ / ފޮޓޯ: އަލްޖަޒީރާ

ދަނޑުވެރިން ބުނަމުން ދިޔައީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އާމްދަނީ ދަށްވާނެ ކަމަށެވެ. ނަމަވެސް، ދަނޑުވެރިންގެ އާމްދަނީ އިތުރު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި މޯދީ ވިދާޅުވަނީ، ދަނޑުވެރިންގެ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ.

ތަޖުރިބާކާރުންގެ ރައުޔު ތަފާތެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ހާސިލުވާނީ ކުޑަ މިންވަރެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ދަނޑުވެރިކަމުގެ ސިނާއަތް ނެގެހެއްޓުމަށްޓަކާ ސަރުކާރުން އަދިވެސް ބޮޑެތި ހޭދަތަކެއް ކުރަން ޖެހޭ ކަމަށް، އިކޮނޮމިސްޓް އަދި ޕްރޮފެސާ، އާރް ރާމަކުމާރު ވިދާޅުވިއެވެ.

މި ހުރިހާ ކަމެއް މިހެން އޮތް އިރު، އިންޑިއާ ފައި ވިއްދައިގެން އޮތީ ދުނިޔޭގެ އެންމެ ނުފުޒޫ ގަދަ ގައުމަށް ފައި ވިއްދައިގެން އޮތް ޗައިނާގެ މައްޗަށް، ހުރިހާ ގޮތަކުން ކުރި ހޯދުމަށެވެ. މި ރޫހުގައި އިންޑިއާ ސަރުކާރުން ހިފާފައި އަމާޒު ވަރުގަދަ ކުރަމުން ދަނީ ސިޔާސީ ރާސްތާއަކުން ކަމަށް ވުމުގެ ނަތީޖާއަކަށް ވަނީ، އިގުތިސޯދީ އުދަރަހުގައި އިންޑިއާގެ ވިދުން ފަނޑުވެގެން ދިއުމެވެ.