ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނީ އެ މަސްބޯޓު ފެނިފައިވަނީ ލ. އަތޮޅުގެ އިރުން 45 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުން "ސީލައިން-03" ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށެވެ.

އެ ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ 15:21 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ މަސް ބޯޓު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަންގައި، އެ ބޯޓު ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ، ލ.އަތޮޅުގެ އިރުން 139 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެ ބޯޓު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު ބޯޓުގައި ފަސް ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން، ކޯސްޓްގާޑް ޝިޕް ހުރަވީ ބެލުމުގެ ދަށުން ލ.އަތޮޅަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަސް މަސްވެރިކަން ކުރަން ދޭތެރެ ދޭތެރެއިން އުޅަނދުތައް ވަދެއެވެ.

އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ މި ބާވަތުގެ އުޅަނދުތައް އިތުރަށް ބަލާ ފާސް ކުރާ އިރު މަސްތުވާތަކެތި ފެންނަ ނިސްބަތްވެސް މަދެއް ނޫނެވެ.