މިއަދު ޖުމްލަ 253 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބި މީހުންގެ އަދަދު 4784 ތިރި ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 35 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 164 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 3 މީހަކާއި އަދި ތަރައްގީ ކުރަމުންދާ ރަށްރަށުން 43 މީހަކާއި އިންޑަސްޓްރިއަލް އައިލެންޑުން 8 ކަމަށެވެ.

ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 4784 އަށް ތިރިވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 72،149 އެވެ. މީހުންގެ ތެރެއިން 7،148 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 206 އަށް އަރާފައެވެ. މިއަދު މި ބަލީގައި މީހަކު މަރުވެފައެއް ނުވެއެވެ.

މި މަސް ފެށިގެން އައިރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ރިޕޯޓު ކުރާ އަދަދު އަންނަނީ މަދުވަމުންނެވެ. މިދިޔަ މަހު 1000 އާއި 2000 އާ ދެމެދުން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި މި މަސް ފެށުނު އިރު ކޭސްތައް ރިޕޯޓު ކުރަނީ 700 އާ ގާތުންނެވެ. މި މަސް ދެބައިވި އިރު، މިމަހު ޕޮޒޮޓިވްވި ޖުމްލަ އަދަދު މި ވަނީ 7389 އަށް އަރާފައެވެ. އަދި މި މަހު މަރުވި މީހުންގެ އަދަދު މި ވަނީ 46 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 471 ދުވަސްވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު ކޮވިޑް ޕޮޒިޓިވް ކޭސްގެ ގޮތުގައި 13،757 ޖުމްލަ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 48 ގައެވެ. ނަމަވެސް ވޭތުވެ ދިޔަ 5 މަސް ދުވަސް ތެރޭގައި ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު މި ވަނީ 71،000 އިން މައްޗަށް ގޮސްފައެވެ.