ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަތައް ހައްލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދު ރެސްޓޯރަންޓް އެސޯސިއޭޝަންގެ އޮފިޝަލުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އޮންލައިންކޮށް ބައްދަލު ކުރައްވާފައި ކަމަށެވެ. އެ ބައްދަލުވުމުގައި ވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިތަކަށް ކޮވިޑްގެ މި ހާލަތުން ދިމާވަމުންދާ ދަތިތަކުގެ ވާހަކަތައް ހިއްސާކޮށްފައި ކަމަށާއި އަދި އެ ކަންކަން ހައްލު ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް މަބްރޫލް ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން އެކި ދުވަސްވަރުތަކުގައި އެޅި ފިޔަވަޅުތަކާއި ގުޅިގެން ރެސްޓޯރެންޓްތައް ބަންދުކޮށް ބޮޑެތި ގެއްލުންތަކެއް ރެސްޓޯރެންޓްތަކަށް ވަނީ ކޮށްފައެވެ. މާލޭގައި ބޮޑު ކުލީގައި ރެސްޓޯރެންޓްތައް ހިންގާ އިރު، މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ ނުދެވި ގިނަ ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
ކޮވިޑްގެ ހާލަތު މިދިޔަ މަހުގެ ތެރޭގައި ގޯސްވުމުގެ ސަބަބުން ވަނީ ރައްކާތެރިވުމަށާއި، ކޭސްތައް ދަށް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަނުން ކެއުން ބުއިމުގެ ހިދުމަތް އެތަންތަނުން ދިނުން ހުއްޓާލަން އަންގާފައެވެ. ނަމަވެސް އެތަންތަނުން ޑެލިވަރީއާއި ޓޭކްއަވޭގެ ހިދުމަތް ދެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެ ކުރިންވެސް ކޮވިޑް ހާލަތު ގޯސްވެ ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަން ހުޅުވައިގެން އާންމުންނަށް ކެއިން ބުއިމުގެ ހިދުމަތްދެވޭ ގަޑިއަށް ބަދަލުތަކެއް ގެނައުމުން އެ ފަރާތްތަކުން ވަނީ ވިޔަފާރިއަށް ގެއްލުންވާ ކަމަށް ބުނެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އޭރު ފިޔަވަޅުތަކަށް ކުއްލިއަކަށް ލުއި ދިނުމާއެކު މެއި މަހުގެ ތެރޭގައި ވަނީ އެންމެ ގިނައިން ކޮވިޑް ކޭސްތައް ފެނި އަދި އެންމެ ގިނަ މީހުން މި ބަލީގައި މަރުވެފައެވެ. އެގޮތުން މެއި މަހު ޖުމްލަ 34،561 މީހުން ވަނީ ޕޮޒިޓިވް ވެފައި ވާއިރު މި ބަލީގައި 88 މީހަކު ވަނީ މަރުވެފައެވެ.
މެއި މަހު ފަހުކޮޅު އެޅި ފިޔަވަޅުތަކާ އެކު މިހާރު ވަނީ ކޭސްތައް ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. މެއި މަހު ދުވާލެއްގެ މައްޗަށް 1000 އާއި 2000 އާ ދެމެދުން ކޭސްތައް ރިޕޯޓު ކުރަމުން އައި ނަމަވެސް މި މަހު ކޭސްތައް ވަނީ 100 އާއި 300 އާ ދެމެދަށް ދަށަށް ގޮސްފައެވެ. ކޮވިޑް ހާލަތު ރަނގަޅުވަމުން އަންނަ ވަރަކަށް ލުއިތައް ލިބޭނެ ކަމަށާއި އަދި ލުއިތައް ދެމުން ދާނީ މަޑުމަޑުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރެސްޓޯރަންޓް އެސޯސިއޭޝަނުން މިއަދު ރައީސާ ބައްދަލުކޮށްފައި ވާ އިރު، މީގެ ކުރިން ވަނީ މާލެސިޓީ ކައުންސިލާ ވެސް ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.