ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ތަރައްގީކޮށްފައިވާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމަން 3 މަސް މަދު ކަމަށާ އެ މަސައްކަތަށް 9 މަސް ދިނުމަށް މާލޭ ސިޓީކައުންސިލުން އެދެފިއެވެ.

މާލޭ ސިޓީކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތަކަށް އަމިއްލައަށް ހަރަދުކުރަން ޖެހުމުގެ ސަބަބުން ދީފައިވާ 3 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމޭނީ މަދު ބަޔަކަށް ކަމަށެވެ. އަދި ފްލެޓް ތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް 9 މަސްދުވަސް ދިނުމަކީ ވަރަށްގިނަ ރައްޔިތުން އެދޭ ކަމެއްކަމަށްވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ހިޔާ ފްލެޓްގެ ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ހަވާލުކުރަން ނިންމާފައިވަނީ ފާހަނައިގައި ދޮރުފަތް ހަރުނުކޮށް، ތަށިމުށި ނުޖަހާ، ފަންކާ އަދި ލައިޓްތައްވެސް ހަރުނުކޮށެވެ. އަދި ފްލެޓްގެ އެޕާޓްމަންޓްގައި ކުލަލާންވެސް ޖެހެނީ އެ ފްލެޓް ލިބޭ ފަރާތުންނެވެ.

ފްލެޓް ހަވާލުކުރާތާ 3 މަސްދުވަސްތެރޭ މި އެޕާޓްމަންޓްތަކުގެ ފިނިޝިން މަސައްކަތް ކޮށް ނިންމުމަށް އެޗްޑީސީން ބުނެފައިވާއިރު އެ މުއްދަތުގެ ތެރޭގައި އެއްވެސް ފީއެއްވެސް ނުނަގާނެކަމަށާް ސަރުކާރުން ބުނެފައިވެއެވެ.

ހިޔާފްލެޓް ލިބުނު ފަރާތްތަކުން އެގްރިމެންޓްގައި ސޮއިކުރުން އޮންނާނީ މިއަންމަހު 14 ގައިއެވެ. އަދި އެއްމަސްތެރޭ ހުރިހާ އެގްރީމެންޓެއްގައި ސޮއިކޮށް ނިންމާލުމަށްވެސް ވަނީ ނިންމާފައެވެ.

ފްލެޓްގެ ޑައުންޕޭމަންޓްގެ ގޮތުގައި އެއްވެސް ފީއެއް ނުނަގަން ނިންމާފައިވާއިރު މަހުފީގެ ގޮތުގައި 7،500 ރުފިޔާ ދައްކަން ޖެހެއެވެ. އަދި މިއީ ފްލެޓްގެ އަގު 25 އަހަރަށް ބަހާލީމަ ޖެހޭވަރުކަމަށްވެސް ސަރުކާރުން ހާމަކުރެއެވެ. މަހުފީގެ އިތުރުން ސާވިސް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާވެސް ނަގަން ވަނީ ނިންމާފައެވެ.