މިއަހަރުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް 274 މައްސަލައެއް ހުށަހަޅާފައިވާކަމަށް އެ ކޮމިޝަންގެ ކޮމިޝަނާ މުއުމިނާ ވަހީދު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީން ގެނެސްދިން ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއުމިނާ ވިދާޅުވީ އެޗްއާރުސީއެމް އިން މިހާރުވެސް 633 މައްސަލައެއް ބަލަމުންދާކަމަށާ މިއަހަރުތެރޭގައިވެސް 274 މައްސަލައެއް އެ ކޮމިޝަނަށް ހުށަޙަޅާފައިވާކަމަށެވެ.

633 މައްސަލައިގެ ތެރެއިން 58 މައްސަލައަކީ އެންޓި ޓޯޗާގެ މައްސަލަތަކެއް ކަމަށްވެސް މުއުމިނާ ވިދާޅުވެފައިވެއެވެ. ކޮމިޝަނަރު ޝިފާއަތު އަބްދުއްރައްޒާގު ވިދާޅުވީ އަނިޔާގެ މައްސަލަތަކުގައި އެންޓި ޓޯޗާގެ ގާނޫނު ވަރަށް ބޮޑަށް ހަރުދަނާކުރަންޖެހޭ ކަމަށެވެ.

ރާއްޖޭއަކީވެސް ކުށްކުރުން އިތުރުވެފައިވާ ގައުމަކަށް ވާއިރު މަސްތުވާތަކެތީގެ ވަބާގައި ޖެހި ފިތިފައިވާ އެތައް ޒުވާނުންނެއްވެސް އެބައުޅެއެވެ. އަދި މސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ބުރަ މަސައްކަތްތަކެއް ކުރާ އަދި ކުރަން ބޭނުންވާ އެތައް ޒުވާނުންނެއްވެސް އެބަ އުޅެއެވެ.

އެޗްއާރުސީއެމްގެ ކޮމިޝަނަރު ޝީފާއަތު އަބްދުއްރައްޒާގު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ޒުވާނުން މަގުމަތީގައި ގިނަވެފައި ތިބުމަކީ އެ ކޮމިޝަންގެ ކަންބޮޑުވުމެއް ކަމަށެވެ.