ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދިއުމުން ގިނަ ވަގުތު ގޭގައި ތިބެން ޖެހިފައިވާ މި ދުވަސްވަރު ގޭގައި ތިބެން ޖެހުނު ނަމަވެސް އުރީދޫގެ ހިދުމަތްތައް އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫން ބުނީ، ކަސްޓަމަރުންނަށް ދޭ ޑިޖިޓަލް ހިދުމަތް އިތުރު ފުރިހަމަ ކަމާއެކު ފޯރުކޮށް ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރުވެސް ގިނަ ހިދުމަތްތަކެއް އުރީދޫ އެޕް މެދުވެރިކޮށް ގޭގައި ތިބެގެން ހޯދޭނެ ކަމަށެވެ. އެ ގޮތުން އެ އެޕް މެދުވެރިކޮށް އެމް ފައިސާގެ ހިދުމަތާއި މޫލީ ބޭނުން ކުރެވޭ އިރު "ސެލްފް ކެއާ" ފީޗާތަކެއް ވެސް ވަނީ ހިމަނާފައި ކަމަށް އުރީދޫން ބުނެއެވެ.
އެގޮތުން ގޭގައި ތިބޭ އިރު ފަސޭހައިން ފަސޭހަ ކަމާއެކު ފޯން ރީޗާޖް ކޮށްލެވޭނެ ކަމަށާއި އަދި އުރީދޫ ފިހާރައިން ބޭނުންވާ ތެކެތި މޫލީ މެދުވެރިކޮށް ގަތުމުން ކަސްޓަމާ ދިރިއުޅޭ ގެއަށް އެ ތަކެތި ގެންގޮސްދޭނެ ކަމަށް އުރީދޫން ބުނެއެވެ. ކަރަންޓް ބިލާއި ފެންބިލާއި އިންޓަނެޓް ބިލްތަކުގެ އިތުރުން ސްކޫލް ފީ، ރެސްޓޯރަންޓް ބިލްއާއި އަދި ރައްޓެހިންނާއި އާއިލާއަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.
މީގެ އިތުރުން 24 ގަޑިއިރު އުރީދޫ ކަސްޓަމަރުންނާ ޗެޓް މެދުވެރިކޮށް އުރީދޫގެ އޭޖެންޓެއް ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބު ދޭނެ ކަމަށް ވެސް އުރީދޫން ފާހަގަ ކުރެއެވެ. މިއީ އެކި ކަހަލަ މައްސަލަތައް ދިމާވެއްޖެ ހިނދެއްގައި އެ މައްސަލަ ރިޕޯޓު ކުރުމަށާއި މައްސަލަ ސާފު ކުރުމަށް ތައްޔާރުކޮށްފައިވާ ފީޗާއެއް ކަމަށް އުރީދޫން ބުނެއެވެ.
އެގޮތުން މައްސަލައެއް ރިޕޯޓްކުރަން ބޭނުންވާ ނަމަ އުރީދޫ އެޕް އަށް ލޮގްއިން ވުމަށްފަހު މެނޫއިން މައްސަލައެއް ރިޕޯޓް ކުރުމަށް އެދޭ ކަމަށް ހިޔާރުކުރާށެވެ. އެއަށްފަހު އެ މައްސަލަ ރިޕޯޓް ކުރުމަށް ހުށަހަޅަން ޖެހޭ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު ފޮނުވާލާށެވެ. އެ މައްސަލަ ހުށަހެޅުމުން މެސެޖެއް އެ ފަރާތަށް ލިބޭނެ ކަމަށާއި އެ މެސެޖުގައި ކޭސް ނަންބަރު އޮންނާނެ ކަމަށް އުރީދޫން ބުނެއެވެ. އަދި އެއަށްފަހު އުރީދޫގެ އޭޖެންޓެއް އެ ކަސްޓަމަރަކަށް އެޓެންޑް ވާނެ ކަމަށާއި އަދި މައްސަލަ ހައްލުކޮށް ދިނުމަށް މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުނެއެވެ.
މި ވަގުތަކީ ހުރިހާ ފަރާތްތަކަށް ވެސް ދަތި ވަގުތެއް ކަމަށާއި ނަމަވެސް އުރީދޫގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކަލަކަށް ގޭގައި ތިބުމަށް އެ ކުންފުނިން އިލްތިމާސް ކުރެއެވެ. ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައި މިވަނީ އެކި ޕްލެޓް ފޯމްތަކުގައި ބޭނުން ކުރެވޭ ގޮތަށް ކަމަށް އުރީދުން ބުނެއެވެ، އެ ގޮތުން އުރީދޫގެ އެޕް ނެތް ނަމަ އުރީދޫ ވެބްސައިޓުން ވެސް އޮންލައިން ޝޮޕްގެ ހިދުމަތް ހޯދޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި މި ހިދުމަތަކީ އުރީދޫގެ މިހާރު ތިބި ކަސްޓަމަރުންނާއި އާ ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ ހިދުމަތެއް ކަމަށް އުރީދޫން ބުނެއެވެ.
އެގޮތުން ވެބްސައިޓް މެދުވެރިކޮށް މޯބައިލް އަދި ބްރޯޑްބޭންޑްގެ އާ ކަނެކްޝަނަށް އެދި ހުށަހެޅޭނެއެވެ. މީގެ އިތުރުން މިހާރު ބޭނުން ކުރާ ޕްލޭން އަފްގްރޭޑް ކުރުމާއި އީސިމްއަކަށް ބަދަލު ކުރުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އުރީދޫން ބުނެއެވެ.