ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ރައީސުންގެ ގެކޮޅު ކައިރީ ވެހިކަލް ޕާކުކުރުން މަނާކުރަމުންދާކަމަށް މާލޭ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
މޭ 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ސަބަބުން ރާއްޖޭގެ ވެރިކަންކުރާ 3 ބާރުގެ ވެރިން ދިރިއުޅުއްވަން ސަރުކާރުން ގެކޮޅެއް ހަމަޖެއްސުމަށް ދާދިފަހުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާ ކޮމިޓީން ފާސްކޮށްފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ނަރީޝް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ގެކޮޅު ކައިރީގައާއި އެހެން ރައީސުންގެ ގެކޮޅު ކައިރީގައިވެސް ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ވެހިކަލް ޕާކުކުރުން މަނާކުރަމުންދާ ކަމުގައެވެ. އަދި ރައީސް ޔާމީނު ދިރިއުޅުއްވާ ހ. ދޫވެހި ކައިރީ ގޯޅީގައި ވެހިކަލް ޕާކުކުރުން މަނާކުރީ އެހިސާބުގައި ދިރިއުޅޭ ރައްޔިތުންގެ އެދުމުގެ މަތިން ވެސް ކަމަށެވެ.
ނަރީޝް ވިދާޅުވީ އެހިސާބުގައި ހުރި ރެސްޓޯރެންޓުތަކަށް ދާ ފަރާތްތަކުން ރައީސް ޔާމީނު ދިރިއުޅުއްވާ ގެކޮޅު ކައިރީ ގޯޅި ކަންމަތީގައިވެސް ވެހިކަލް ޕާކުކުރުމުގެ ސަބަބުން އެ ގޯޅިއަށް އެހެން ވެހިކަލްތަކަށް ވަނުމަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި މިހިސާބުން ވެހިކަލް ޕާކުކުރުން މަނާކަމުގައި ވިޔަސް އާޓިފިޝަލް ބީޗު ކައިރީގައި ވެހިކަލް ޕާކުކުރާ ޕާކިން ޒޯނެއް ގާއިމުކޮށްފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު މަގުގައިވެސް ވެހިކަލް ޕާކު ނުކުރެވޭ ގޮތް ވަނީ ހަދާފައެވެ.