މިއަދު ޖުމްލަ 142 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބި މީހުންގެ އަދަދު 6106 ތިރި ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 51 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 88 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 2 މީހަކާއި ތަރައްގީ ކުރަމުންދާ ރަށްރަށުން 1 މީހަކު ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 71،498 އެވެ. މީހުންގެ ތެރެއިން 65،178 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 203 އަށް އަރާފައެވެ. މިއަދު މި ބަލީގައި ދެ މީހަކު މަރުވިއިރު، ފުރަތަމަ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ދެމުން ދިޔަ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ދެވަނަ އަށް މަރުވެފައިވަނީ ލ. ކޮވިޑް މެނޭޖްމަންތް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 82 އަހަރުގެ ފިރިހެނެކެވެ.

މި މަސް ފެށިގެން އައިރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ރިޕޯޓު ކުރާ އަދަދު އަންނަނީ މަދުވަމުންނެވެ. މިދިޔަ މަހު 1000 އާއި 2000 އާ ދެމެދުން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި މި މަސް ފެށުނު އިރު ކޭސްތައް ރިޕޯޓު ކުރަނީ 700 އާ ގާތުންނެވެ. މި މަސް ދެބައިވި އިރު، މިމަހު ޕޮޒޮޓިވްވި ޖުމްލަ އަދަދު މި ވަނީ 7060 އަށް އަރާފައެވެ. އަދި މި މަހު މަރުވި މީހުންގެ އަދަދު މި ވަނީ 42 އަށް އަރާފައެވެ.

ކޭސްތައް ދަށް ވުމާ އެކު މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތަކަށް ލުއި ދީ ކާފިއު ވަގުތު މިހާރު ވަނީ 12 ގަޑިއިރަށް ކުޑަ ކޮށްފައެވެ. މީގެ އިތުރުން ޖަމާއަތުގައި ނަމާދު ނުކުރެވޭ އެހެނަސް ވަކިން ކުރެވޭ ގޮތަށް މިސްކިތްތައް ހުޅުވާ ކަސްރަތު ކުރާ މީހުންނަށް ޕާމިޓް ނުލައި ފަތިހު 4 އިން 8 އަކާ ދެމެދު ނުކުމެވޭ ގޮތަށް ވަނީ ހަމަޖައްސާފައެެވެ.

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 468 ދުވަސްވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު ކޮވިޑް ޕޮޒިޓިވް ކޭސްގެ ގޮތުގައި 13،757 ޖުމްލަ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 48 ގައެވެ. ނަމަވެސް ވޭތުވެ ދިޔަ 5 މަސް ދުވަސް ތެރޭގައި ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު މި ވަނީ 70،000 އިން މައްޗަށް ގޮސްފައެވެ.