މިއަދު ހެނދުނު މާލެސިޓީ ދެކުނު ފަރާތުން މޭރީބްރައުން ކައިރި ފަޅުތެރޭ އަޅާފައި އޮތް 3 ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާގެ ހަށިގަނޑުގެ 25 ޕަސެންޓު ފިހިފައިވާކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އައިޖީއެމްއެޗް އިން ބުނީ ފިހުނު ބިދޭސީމީހާ އަކީ 25 އަހަރުގެ ފިރިހެނެއް ކަމަށާ، މިހާރުވެސް އެ ބިދޭސީ މީހާއަށް އަންނަނީ އެމަޖެންސީ ރޫމުގައި ފަރުވާދެމުން ކަމަށެވެ.

މި އަލިފާނުގެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބިފައިވަނީ 06:13 ހާއިރުކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. އަދި މި އަލިފާންގަނޑު ނިއްވާލެވިފައިވަނީ 06:45 ގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ލޯންޗްގައި ރޯވުމުގެ ކުރިން އެއްޗެއް ގޮވީމާ އިވޭ ކަހަލަ ބާރުއަޑެއް އިވިފައި ވާކަމަށް އެ ސަރަހައްދުގައި އެވަގުތު ހުރި އާންމު ފަރާތަކުން ބުނެފައި ވެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި ހާދިސާގައި 6 ލޯންޗަކަށް އަލިފާނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އަދި މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތަކީ، ކޮވިޑްގެ ލުޔާއެކު ގިނަ ބަޔަކު ކަސްރަތުކުރަން ނުކުމެ އުޅުނު ގަޑިއެއް ކަމުން، އެ ސަރަހައްދުގައި ކަސްރަތު ކުރަން އުޅުނު ގިނަ ބަޔަކަށްވެސް އެހާދިސާ ވަނީ ފެނިފައެވެ.