ޅ. ނައިފަރު ބަނދަރުގައި އަޅާފައި އޮތް ތިން ލޯންޗުގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެ ރަށު ކައުންސިލްގެ ފަރާތުން މައުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރުގެ 3:30 ހާއިރު ކަމަށެވެ. ލޯންޗުތައް އަޅާފައި އޮތީ ކައިރި ކައިރީގައި ކަމަށާއި އެއް ލޯންޗުގައި ރޯވި އަލިފާންގަނޑު އެހެން ލޯންޗުތަކަށް ފެތުރިގެން ދިޔައީ ކަމަށް ލަފާ ކުރެވޭ ކަމަށް ކައުންސިލްގެ ފަރާތުން މައުލޫމާތު ދިނެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގާދިޔަ ގޮތް ފުލުހުންނާއި އެ ސަރަހައްދުގެ ފަޔާ ސްޓޭޝަން އާ ގުޅިގެން ބަލަމުންދާ ކަމަށެވެ. އަދި އަލިފާން ރޯވީ ބަޔަކު ރޯކޮށްލުމުން ކަމެއް ނުވަތަ އިލެކްޓްރިކް ޝޯޓަކުން ރޯވީ ކަމެއް މިހާތަނަށް އެނގިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ނައިފަރުގައި ހިނގި އަލިފާނުގެ ހާދިސަގައި ގެއްލުންވި ލޯންޗުތައް

އެމްއެންޑީއެފްއިން ބުނި ގޮތުގައި މިއަދު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުވެއެވެ. ދައުރުވަމުން ދާ ފޮޓޯތަކުން ފެންނަ ގޮތުގައި ދެ ލޯންޗުގެ އިންޖީނާ އެކު ފެނުން މައްޗަށް ހުރި ބައިތައް އެއްކޮށް އަނދާފައި ވާއިރު އަނެއް ލޯންޗު ވަނީ ބަންޑުން ޖަހާލާފައެވެ.

މި ލޯންޗުތަކަކީ މަސްވެރިކަމުގެ އިތުރުން މަޑިވަރަށް ދިއުމަށް ނައިފަރު މީހުން ބޭނުން ކުރަމުންދާ ލޯންޗު ތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.