މާލެސިޓީ ދެކުނުފަރާތު މޭރީ ބްރައުން ކައިރީ ފަޅުތެރޭ އަޅާފައި އޮތް ތިން ލޯންޗެއްގައި އަިލފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިނން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 06:13 ހާއިރު ކަމަށެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ކުރި މަސައްކަތުން 06:16 ހާއިރު އަލިފާންގަނޑު ސްޓޭބަލް ކުރެވި އަދި 06:45 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މޭރީބްރައުން ކައިރީ ލޯންޗެއްގައި ރޯވި އަލިފާން ފަޔާ ފައިޓަރުން ނިއްވާލަނީ

މި ހާދިސާ ގައި އެކަކަށް އަނިޔާވެ އައިގީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށާ ޖުމްލަ 5 ލޯންޗަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ލޯންޗްގައި ރޯވުމުގެ ކުރިން އެއްޗެއް ގޮވީމައި އަޑުއިވޭ ކަހަލަ ބާރުއަޑެއް އިވިފައި ވާކަމަށް އެ ސަރަހައްދުގައި އެވަގުތު ހުރި އާންމު ފަރާތަކުން ބުނެފައި ވެއެވެ.

މޭރީބްރައުން ކައިރީ ލޯންޗެއްގައި ރޯވި އަލިފާން ފަޔާ ފައިޓަރުން ނިއްވާލާފަ

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި ހާދިސާގައި އަލިފާން ރޯވި ލޯންޗެއްގައި ހުރި ބިދޭސީއެއް ފިހިފައިވެއެވެ. އަދި މި ބިދޭސީ މީހާ އަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާ، މި ހާދިސާގައި 6 ލޯންޗަކަށް އަލިފާނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތަކީ، ކޮވިޑްގެ ލުޔާއެކު ގިނަ ބަޔަކު ކަސްރަތުކުރަން ނުކުމެ އުޅުނު ގަޑިއެއް ކަމުން، އެ ސަރަހައްދުގައި ކަސްރަތު ކުރަން އުޅުނު ގިނަ ބަޔަކަށްވެސް އެހާދިސާ ވަނީ ފެނިފައެވެ.