އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމައުގެ ތެރޭގައި ހާއްސަ ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ މުޖުތަމައުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރި ކުރުމުގެ ދުވަހާ ގުޅިގެން ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ މި ދުވަސް ބައިނަލްއަގުވާމީ ފެންވަރެއްގައި ފާހަގަކުރެވެނީ އުމުރުން ދުވަސްވީ ފަރާތްތަކަށް ލިބޭ ގޯނާ އާއި ހާނީއްކަ އާއި ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކުން އެފަރާތްތައް ރައްކާތެރިކުރުމަށް ބާރު އެޅުމުގެ ގޮތުންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ކުރިމަތިވާ ތަފާތު މައްސަލަ ތަކާމެދު މުޖުތަމައުގައި ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.
އެހެންކަމުން އުމުރުން ދުވަސްވީ ފަރާތްތަކަށް ކޮންމެ މީހަކުވެސް ކަމޭހިތައި އަދަބުވެރިކަމާ އޯގާތެރިކަމާއެކު މުއާމަލާތު ކުރުމަކީ ނުހަނު ބޭނުންތެރިކަމެއްގެ ގޮތުގައި ޖެންޑާ މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.
ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ އުމުރުން ދުވަސްވީ މީހުންނަށްވެސް ރާއްޖޭގައި ޖިސްމާނީ ނަފްސާނީ އަދި ޖިންސީ އަނިޔާ ލިބެމުންދާކަމީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މިފަދަ އަނިޔާތަކުން ސަލާމަތްކޮށް އިންސާފު ހޯދައިދިނުމަކީ އެފަރާތްތަކަށް ލިބިގެންވާ އިންސާނީ ހައްގެކެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން އުމުރުން ދުވަސްވީ ފަރާތްތަކަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާ ކޮވިޑްގެ ސީދާ އަސަރު އެންމެ ބޮޑަށް ކުރާ ފަރާތްތަކުގެ ތެރޭގައި އުމުރުން ދުވަސްވީ ފަރާތްތައް ހިމެނޭ ކަމުގައި އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދިހަމައެހެންމެ ބަލީގައި އެންމެ ހާލަތު ގޯސްވާ އަދި ދުނިޔެއާ ވަކިވެގެންދާ މީހުންގެ ތެރެއިން އެންމެ ނިސްބަތުން ގިނައީ އުމުރުން ދުވަސްވީ މީހުންކަންވެސް ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން މި ބަލިންވެސް އުމުރުން ދޮށީ މީހުން ރައްކާތެރިކުރުމަށް އެ ފަރާތްތަކުގެ އާއިލާއިންވެސް މަސައްކަތްތަކެއް ކުރުމަށް ޖެންޑާ މިނިސްޓްރީން ވަނީ އެދިފައެވެ.
ބައިނަލްއަގުވާމީ ގޮތުން އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް 15 ޖޫން ގައެވެ.