އިއްޔެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އަށް ގެނައި އިސްލާހުގައި އެއާޕޯޓް ހިންގާ ބޭރުގެ ކުންފުނިތަކަށް އެއާ ޓްރެފިކްވެސް ދޭގޮތަށް އޮތްނަމަވެސް އެއާ ޓްރެފިކް ކޮންޓްރޯލް ނުދޭކަމަށް ސަރުކާރުން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރެެއްވި ޓުވީޓުގައި ވަނީ އެއާޕޯޓް ހިންގަން ބޭރު ބަޔަކަށް ދިނަސް، އޭގެ ތެރެއިން އެއާ ޓްރެފިކް ކޮންޓްރޯލް ބޭރު މީހުންނަށް ނުދޭނެ ކަމަށެވެ. އަދި އިއްޔެ ގެޒެޓްކުރި ފޮރިން އިންވެސްޓްމަންޓް އުސޫލަށް ގެނައި ބަދަލުގައި ލިޔެފައިވާ ގޮތުން އޮޅުން އަރާތީ އެކަން ބަދަލުކޮށް އެކަން އޮތް ގޮތް ސާފުކޮށްދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އިއްޔެ އާންމުކުރި އިސްލާހުގައި ވަނީ އެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓު ހިންގުމާ އެއާޕޯޓު އަދި އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމާ ގްރައުންޑް ސާވިސްގެ ހިދުމަތްވެސް ދެވޭނެކަމަށެވެ. އަދި އެ ސިޔާސަތަށް އިއްޔެ ގެނެވުނު ބަދަލާއެކު 50 އަހަރު ދުވަހުގެ މުއްދަތަކަށް ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގުމުގެ ހުއްދަ ލިބިގެން ދެއެވެ.

މިނިސްޓަރު ފައްޔާޒު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަމުންދާނީ އިންޑިއަން އެގްޒިމް ބޭންކުން ލޯންއެއް ނަގައިގެން ކަމަށެވެ. އަދި ހަނިމާދޫ އެއާޕޯޓުގެ މިލިއްޔާތު އޮންނާނީ ސަރުކާރުގެ ދަށުގައި ކަމަށާއި ހަނިމާދޫ އެއާޕޯޓް ހިންގާނީ ސަރުކާރުން ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކުން ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

އިއްޔެ އެފްޑީއައި އަށް ގެނައި އިސްލާހާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް ވަނީ ސަރުކާރުންނަށް އަމާޒުވެފައެވެ. އެގޮތުން އެއާޕޯޓުތައް ހިންގުމަށް 100 ޕަސެންޓު ބޭރުގެ ކުންފުނިތަކަށް ފުރުސަތު ދިނުމުން ގައުމީ ސަލާމަތަށާ މިނިވަންކަމަށް ނުރައްކާ ވާނެކަމަށެވެ.