ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަމަށް ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ހޮވިއްޖެއެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަމަށް އަބްދުއްރައޫފް ހޮވިވަޑައިގެންފައިވަނީ އިއްޔެ އެ ޖަމިއްޔާއިން ބޭއްވި ހިންގާ ކޮމިޓީ މެންބަރުން ހޮވުމުގެ އިންތިހާބުންނެވެ. ދުވަސްތަކަކަށް ފަހު ފަނޑިޔާރުންގެ ޖަމިއްޔާގެ މަސައްކަތްތައް ފެށިފައިވާއިރު އަބްދުއްރައޫފް ރައީސްކަމަށް ހޮވިވަޑައިގެންފައިވަނީ އޮޓޮމެޓިކް ކޮށް އެހެން އެއްވެސް ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވާފައި ނުވުމުންނެވެ.

ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރ ސިޓީ އިން ބެޗްލަރ އޮފް ލޯ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އެ ޖަމިއްޔާގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ނައިބުރައީސްކަމަށް 2 ބޭފުޅަކު ކުރިމަތިލައްވާފައި ވެއެވެ. އެއީ ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަހުމަދު އާމިރު އާއި ގދ. ގައްދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަބްދުﷲ ޝަނީޒް އިބްރާހިމެވެ. އަދި 18 ވޯޓުގެ ތަފާތާއެކު ނައިބުރައީސްގެ މަގާމަށް ހޮވިވަޑައިގެންފައިވަނީ މެޖިސްޓްރޭޓު އާމިރެވެ. މެޖިސްޓުރޭޓު ޝާނީޒަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ސިވިލްކޯޓުގެ ގާޒީ ޒުބެއިރު އަހުމަދު ހޮވިފައިވާއިރު އިންތިޒާމް ސެެކެޓްރީގެ މަގާމަށް އއ. އުކުޅަހު ކޯޓުގެ އިސްމެޖިސްޓްރޭޓު އަހުމަދު މުއާވިޔަތު ގާސިމް ވަނީ ހޮވިވަޑައިގެންފައެވެ. ހަޒާންދާރު ކަމަށް ސިވިލް ކޯޓުގެ ގާޒީ އަޒްފާ އަބްދުއްރައޫފް ހޮވިފައިވާއިރު ހަޒާންދާރުގެ އެހީތެރިޔާއަށް ރ. ކިނޮޅަހު މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އިބްރާހިމް ޒާހިރު އަދި ތަރުޖަމާނު ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ވަނީ ހޮވިފައެވެ.

މި މަގާމުތަކަށް އިންތިހާބުވެފައިވަނީ އެހެން އެއްވެެސް ބޭފުޅަކު ވާދަ ކޮށްފައިނުވާތީ އޮޓޮމެޓިކުންނެވެ.

ހިންގާ ކޮމިޓީގެ ހަތަރު މަގާމަށް 5 ބޭފުޅުން ކުރިމަތިލައްވާފައިވާއިރު ހޮވިފައިވަނީ ނ. ވެލިދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ސައީދު އަލީ، ތ. ހިރިލަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސްމެޖިސްޓްރޭޓު އަބްދުﷲ ހުސެއިން، ލ. މާވަށު މެޖިސްޓްރޭޓު ކޯޓުގެ އިސްމެޖިސްޓްރޭޓު އިސްމާއިލް މާހިރު، އަދި ށ. މިލަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސްމެޖިސްޓްރޭޓު ހަސަން ޝިޔާމެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ބައްދަލުވުން މިދިޔަ ހޮނިހިރު ދުވަހު ބާއްވާފައިވާއިރު އެ ބައްދަލުވުމުގައި ވަނީ މެޖިސްޓްރޭޓުންނަށް ދިމާވާ ދަތިތަކާ ބެހޭގޮތުން ކަރުދާސްތަކެއް ވެސް ހުށަހަޅައިފައެވެ.