ކޮވިޑް-19ގައި 25 އަހަރުގެ ދިވެހި އަންހެނަކު މަރުވެއްޖެއެވެ.

ކޮވިޑުގައި މަރުވެފައިވަނީ ފ. ނިލަންދޫ، މޯނިންގްސަން ސަމީއާ އަހުމަދު (ސަންމެ)އެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލުގެ ރައީސް އަލީ އަހުމަދު ވިދާޅުވީ ކޮވިޑް ޖެހިގެން، ހާލު ދެރަވެ ސަމީއާ މާލެ ގެންދިޔައީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

ސަމީއާ މަރުވުމުގެ ކުރިން ހާލު ސީރިއަސްވުމާ ގުޅިގެން މެއި 29ގައި ސިޒޭރިއަން ހަދާ ދަރިފުޅު ނަގާފައިވާކަމަށް އަލީ އަހުމަދު ވަނީ ވިދާޅުވެފައެވެ. އަލީ އަހުމަދު ވިދާޅުވި ގޮތުގައި ސަމީއާ ސިޒޭރިއަން ހަދާ ދަރިފުޅު ނަގާފައިވަނީ ބަނޑަށް އަށް މަހުގައެވެ. އަދި ސަމީއާގެ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ވެސް އަލީ އަހުމަދު ވިދާޅުވިއެވެ.

ސަމީއާއަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވަނި މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މިއީ ކޮވިޑް ބަލީގައި ރާއްޖެ އިން މަރުވި އެންމެ ޒުވާން އަންހެން މީހާއެވެ.

މީގެކުރިން ކޮވިޑް ބަލީގައި އުމުރުން 10 އަހަރުގެ ކުއްޖަކު ވެސް ވަނީ މަރުވެފައެވެ.