ކޮވިޑްގެ ހާލަތާ ގުޅިގެން ދަރުބާރުގޭގައި ހިންގާ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަންފަށައިފިއެވެ.

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވެނީ ހެލްތް މިނިސްޓްރީގެ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް މައުލޫމާތުދެމުން ބުނީ އެޗްއީއޯސީގެ ވޮލަންޓިއަރަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާ މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މި މައްސަލަ ފެންމަތިވި އިރު މިކަން ހިނގާފައި ވަނީ އެޗްއޯއީސީގެ އޮޕަރޭޝަން ސެންޓަރު ދަރުބާރުގޭގައި ކަމެއް ނުވަތަ ހެލްތު މިނިސްޓްރީގައި ކަމެއް ނުވަތަ މަސައްކަތުގެ މާހައުލުން ބޭރުގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާގެ މައްސަލަ ހޫނުވެ، ތުހުމަތުވާ މީހާ އާ މެދު މާރާމާރީވެސް ހިންގަން ވެސް ބަޔަކު މަސައްކަތް ކޮށްފައި ވެއެވެ.