ރާއްޖެއިން މިއަދު 323 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރެއިން 163 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުން ކަމަށެވެ. އެއާއެކު މީހުން ދިރިއުޅޭ ރަށްރަށުން 143 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 9 މީހަކާއި އަދި ތަރައްގީ ކުރަމުން އަންނަ ރަށްރަށުން 8 ކޭސް މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 14،281 އަށް އަރާފައެވެ. އަދި ކޮވިޑް ޖެހުނު 69،536 މީހުންގެ ތެރެއިން 55،055 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 191 އަށް އަރާފައެވެ.

މިއަދު މިބަލީގައި މީހަކު މަރުވެފައެއް ނުވެއެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް ބޭރުގައި އުޅޭ ވަގުތު މަދުކުރުމާ އެކު އަނެއްކާވެސް ވަނީ ކޭސްތައް މަދުވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު ވެސް މަދުވާން ފަށާފައެވެ.

އެގޮތުން މިހާރު ހޮސްޕިޓަުގައި ފަރުވާ ދެމުންދަނީ 146 މީހުންނަށެވެ.

ކޮވިޑުން ރައްކާތެރި ވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4 އިން ފެށިގެން ހެނދުނު 8 އަށް ކާފިއު ހިންގަން ވަނީ ފަށާފައެވެ. ހަމައެއާއެކު ކާފިއު ނޫން ވަގުތު ތަކުގައި ވެސް ބޭރަށް މީހުން ނުކުމެ އުޅުމުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ގޮތުން ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރަން ނިންމާފައި ވާއިރު އެއިން ފާހެއް އޮވެގެން މެނުވީ ބޭރަަކަށް ނުނިކުމެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

އަދި މި ނިންމުން ތަންފީޒު ކުރާ އިރު މާލެ ސަރަަހައްދު ދެ ޒޯނަކަށް ބާހާލައިގެން މޫވްމަންޓް ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަަޖައްސާފައެވެ. އެ ގޮތުން އެއް ޒޯނަކީ ހުޅުމާލެއެވެ. އަނެއް ޒޯނަކީ މާލެއާއި ވިލިމާލެއެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހަކަށް މާލެއަށް ނޭރޭނެއެވެ. އަދި މާލެއާއި ވިލިމާލޭގައި އުޅޭ މީހަކަށް ހުޅުމާލެއަށް ނޭރޭނެއެވެ.

މި ފިޔަވަޅުތައް މިހާރު ވަނީ އިތުރު އެއް ހަފްތާ އަށް އިތުރުކޮށްފައެވެ.