ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދުގައި އިއުލާނު ކޮށްފައި ވާ ކާފިއު ވަގުތުގައި ބޭރުގައި އުޅެގެން 715 މީހަކު ޖޫރިމަނާ ކޮށްފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާސްކު ނާޅާ މަގުމަތީގައި އުޅެގެން 253 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ކާފިއު ގަޑިތަކުގައި ބޭރުގައި އުޅެގެން 715 ފަރާތެއް ޖޫރިމަނާ ކޮށްފައި ވާއިރު އެގަޑިތަކުގައި ވެހިކަލް ދުއްވައިގެން 150 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.
އެޗްޕީއޭއިން އަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ފިހާރަތަކާ، ކެފޭތަކާއި ޖިމްތައް އަމަލު ކުރަމުންދޭތޯ ބެލުމަށް ކުރެވުނު މާސް އިންސްޕެކްޝަންގެ ތެރެއިން ޖުމްލަ 81 ތަނެއް އިންސްޕެކްޓް ކޮށްފައިވާއިރު އޭގެ ތެރެއިން 80 ތަނެއް އުސޫލުތަކާއި އެއްގޮތަށް ހިންގަމުންދާ ކަމަށް މަބްރޫކު ވިޑާޅުވިއެވެ. އަދި އުސޫލުތަކާ ހިލާފުވި އެއް ފިހާރައަކަށް ނަސޭހަތްތެރި ވެފައިވާ ކަމަށް މަބްރޫކު ފާހަގަކުރެއްވިއެވެ.
ކާފިއު ވަގުތުގަިއ ބޭރުގައި އުޅުމާއި، ވެހިަކލް ދުއްވުން މަނާ ގަޑިތަކުގައި ވެހިކަލް ދުއްވުން އަދި މާސްކު ނާޅާ ބޭރުގައި އުޅުމުން ވެސް ޖޫރިމަނާ ކުރާނީ 1000 ރުފިޔާއިން ކަމަށް ފުލުހުން ބުނެއެވެ. އަދި ކާފިއު ވަގުތު ގައި ފިހާރަތަކަށް އާންމުން ވައްދައިގެން ހިދުމަތް ދޭ ނަމަ އެ ތަނެއް 5000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ވަނީ ނިންމާފައެވެ.
ޥަރައް މޮޅުކަމެއް ތިކުރެވުނީ