ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އެ ރަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:12 ހާއިރު ލިބިފައިވާ ކަމަށެވެ. އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

މަރުވެފައި ވަނީ އެ ރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމް ކިޔާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އެ ރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެމީހާއަށް ހަމަލާދީފައި ވަނީ އެ ރަށު ވޮލީ ކޯޓު ސަރަހައްދިުންނެވެ. އަދި ހަމަލާ ދީފައި ވަނީ ފަހަތުން އެމީހާގެ ކަރަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މި މައްސަލައިގައި އެމީޙާއަށް ހަމަލާ ދިން މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.