ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މީހަކު މަރުވެފައިވާ މައްސަލައިގައި ހަމަލާދިން ޒުވާނާ ހައްޔަރުކޮށްފިއެވެ.
މިއަދު ހެނދުނު 10:12 ހާއިރު އެ ރަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްވި މީހަކު ވަނީ މަރުވެފައެވެ. އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައެވެ.
މަރުވެފައި ވަނީ އެ ރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމް އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހިއްސާ ކުރި އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، މި މާރާމާރީ ހިންގާފައި ވަނީ ދެމީހެއްގެ ދެމެދުގައި ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ހަމަލާ ދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެމީހާ އަކީ އުމުރުން 29 އަހަރުގެ، ހދ. ނޮޅިވަރަމްފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް އެވެ.
މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.