ލ. މާވަށުގައި، މިއަދު މަރާލި މީހާއަށް ހަމަލާދިނުމަށް ބޭނުންކުރި ވަޅި ހޯދާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ހެނދުނު 10:12 ހާއިރު އެ ރަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އެ ރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމްއެވެ. ދެމީހެއްގެ ދޭތެރޭ ހިނގި މާރާމާރީއެއްގައި މޫސައަށް ހަމަލާދީ މަރާލި މައްސަލައިގައި އެ ރަށަށް ގޮސް އުޅޭ އެހެން ރަށެއްގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ)ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހިއްސާ ކުރި އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، މާރާމާރީ ހިންގުމަށް ބޭނުންކުރި ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ހޯދާފައިވާކަަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިމާރާމާރީ ހިނގުމަށް މެދުވެރި ސީދާ ސަބަބު އަދި ފުލުހުން ހާމަކޮށްފައި ނުވާއިރު، މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.