ކާނެ އެއްޗެއް އަދި ބޯނެ އެއްޗެއް ނުދީ ގާޒާގެ ރައްޔިތުން މަރާ ހުސްކުރަން އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ނުބައި ޖަރީމާގައި މިހާތަނަށް 147 މީހަކު ދުނިޔެ ދޫކޮށްފިއެވެ.
ކާޑު ބަލި ޖެހި ދުނިޔެ ދޫކުރި މީހުންގެ ތެރޭގައި 88 ކުދަކުދިން ހިމެނޭއިރު އިއްޔެ އެކަނިވެސް 14 މީހަކު މަރުވި ކަމަށް ރެކޯޑްތަކުން ދައްކައެވެ.
ގާޒާގެ ރައްޔިތުން ވަށާލައި ބަންދުކޮށްގެން އަނގަމަތީ ޖަލެއްގައި ގެންގުޅެމުން ދާއިރު، އިޒްރޭލުން ގެންދަނީ، ފިލްމް 'ހަންގާ ގޭމްސް' ގައި މީހުން ބަނޑަށް ޖައްސައި ޒޮމްބީތަކެއް ފަދައިން ގާޒާގެ ރައްޔިތުންނަށް ހަދަމުންނެވެ.
ކާެތިކޮޅު ފަހާ ދުވަން މަޖުބޫރު ކުރުވައި އެކަކަށް ވުރެ އަނެކަކު ކުރިއަރައި ތެލިބުރި ފުރާލަން މަސައްކަތް ކުރަން މަޖުބޫރު ކުރަމުންނެވެ. ކާޑު ބަހާ މަރުކަޒު ކަމަށް ބުނެ އިޒްރޭލާއި އެމެރިކާ ސިފައިން އަދި ގާޒާގައި އިޒްރޭލާ ބައިވެރިވެގެން ތިބި މުސްލިމުންނާއި އެމެރިކާގެ ޕްރައިވެޓް ކޮންޓްރެކްޓަރުން ހިންގާ މަރުކަޒު ވަށާ، ދުވަން ރައްޔިތުންނަށް މަޖުބޫރު ކޮށް އެމީހުންގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލައެެވެ.
'ހައިވީމާ ލަދެއް ހަޔާތެއް ނުހުންނާނޭ' ބުނާ ފަދައިން ހައިވެ ބަނޑަށް މަރުވަމުންދާ ގާޒާގެ ރައްޔިތުންނަށް ބަޑީގެ ވަޒަނަށް ވުރެ މުހިންމީ ކާއެތިކޮޅެއް ލިބި ދިރިހުރުމެވެ. އެހެން ކަމާއެކު ބަޑިޖަހާ މެރިޔަސް ހެޔޮކަމަށް ﷲ އާ ވަކީލު ކޮށްލައިގެން ތިބެ މަރާ ކުރިމަތިލައެވެ.
އިޒްރޭލުގެ މި ލާއިންސާނީ އަނިޔާއަކީ، ދެވަނަ ބޮޑުހަނގުރާމައިގައި ހިޓްލަރު ހިންގި ފަދަ ނަސްލު ނައްތާލުމުގެ ޖަރީމާއެކެވެ. ހިޓްލަރުވެސް ޔަހޫދީންނަށް ހެދީ މިހާރު ޔަހޫދީން މުސްލިމުންނަށް ހަދަމުން އެގެންދާ ގޮތެވެ. ކާއެތިކޮޅު ނުދީ ބަނޑަށް މެރީއެވެ. ޖާނުގައި ވަރުހުރި މީހުންނާއި ހެދިބޮޑުވަމުން ދިޔަ ތުއްތު ކުދިން ކާޑުބަލީގައި މެރީއެވެ.
އިޒްރޭލުގެ މި ނުބައި އަމަލުތައް ކުށްވެރި ކުރަމުން އދ އާއި އަދި ހުޅަނގުގެ ބައެއް ގައުމުތަކުން ފަލަސްތީނަށް އެހީވުމުގެ މަގުތައް ހުޅުވަން ގޮވާލުމާއި، ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން ހާމަ ކުރަމުން ފެށުމުން އިޒްރޭލުން އިއްޔެ ވަނީ ކާއެތިކޮޅެއް ލިބޭނެ ގޮތް ހަދާފައެވެ. ވައިގެ މަގުން ބައެއް ޕާރުސަލް ވައްޓާފައި ވާ އިރު، މިސްރު މަގުން 100 ޓްރަކްގެ ކާބޯތަކެތި ގާޒާގެ ދެކުނަށް ގެންދިޔުމުގެ ފުރުސަތު ވަނީ ދީފައެވެ.
މިކަން މިހެން ކުރި ނަމަވެސް ހައްދަފަހަނައަޅާފައި ވާ ޔަހޫދީ ވަޒީރު އިތަމާރު ބެން ގަވީރާއި ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ވަނީ ގާޒާއަށް ވަރުގަދަ އިންޒާރު ދީފައެވެ. ބެންގަވީރު ބުނަނީ ގާޒާއަށް ކާބޯތަކެތި ދޭނަމަ އިޒްރޭލު ބޭންކްރަޕްޓް ވާނެ ކަމަށާއި ގާޒާއަށް ހަމަލާދީ، ބޮން އަޅާ، ނަސްލު ނައްތާލަން ވީ ކަމަށެވެ. ޑިފެންސް މިނިސްޓަރު ކާލްޒް ބުނަނީ، ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލުގެ ރަހީނުން މިނިވަން ނުކޮށްފި ނަމަ 'ނަރައިކައިގެ ދޮރުތައް' ހުޅުވާލާނެ ކަމަށެވެ.
އޭނާ ބުނަނީ މީގެ ކުރިން އަދި ހަމާސް ނުދެކޭ ފަދަ ވަރުގަދަ އަނިޔާވެރިކަން ދާދި އަވަހަށް ފަށާނެ ކަމަށާއި މިހާރުން މިހާރަށް ރަހީނުން މިނިވަން ކުރުމަށެވެ.
އޭނާގެ މިވާހަކައަށް ބާރުލިބޭގޮތަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެސް ވާހަކަ ދައްކަވާފައި ވެއެވެ. އޭނާ ވިދާޅުވަނީ، އޭނާ ގަބޫލު ކުރައްވާ ގޮތުގައި ހަމާސް ސުލްހަ ބޭނުން ނުވާ ކަމަށާއި ހަމާސް ބޭނުންވަނީ މަރުވާން ކަމަށެވެ.
އިޒްރޭލުން ގާޒާގައި ހުރިހަނަ ހުރި އިމާރާތެއް ތަޅާ ސުންނާފަތިކޮށް މުޅި ސަރަހައްދު ހަނަފަސް ސަހަރާއަކަށް ހަދާފައި ވާއިރު، ދިރި ތިބި ބަޔަކު މިހާރު ތިބީ ގާޒާގެ ހާން ޔޫނިސް އާއި ދެތިން ހަތަރު ސަރަހައްދެއްގައެވެ. ގާޒާގެ އުތުރާއި އަދި ކުރިން ބައިބޯ ބައެއް ސަރަހައްދުތައް ކަމަށް ވާ ބެއިތް ހަނޫން އަކީ މިހާރު ދިރިހުރި ފުރާނައެއްގެ ހިލަމެއްވެސް ނެތް ތަންތަނެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 59،733 އަށް އަރާފައެވެ. ޒަހަމްވި މީހުންގެ އަދަދަކީ 144،479 އެވެ.