އއ. މާޅޮސް ފަޅުތެރޭ އޮތް ދޯންޏެއްގައި އެއްޗެއް ގޮވާ ދެ ބިދޭސީއަކު ފިހިއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިރޭ 20:45 އެހާކަންހާއިރު ކަމަށާއި، ފިހުނު ދެ ބިދޭސީންނަށް ފަރުވާ ދިނުމަށް މާޅޮސް ހެލްތު ސެންޓަރަށް ގެންދެވިފައިވާ ކަމަށެވެ.

އަދި މި ދެ ބިދޭސީން އިތުރު ފަރުވާއަށް މިހާރު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށްވެސް ވަނީ ބުނެފައެވެ.

މި ހާދިސާގައި ގޮވާފައިވަނީ ދޯނީގައި ހުރި ކޯޗެއް ކަމެއް ނުވަތަ މި ހާދިސާގައި އަނިޔާވި ބިދޭސީންގެ ހާލަތުގެ ތަފްސީލެއްވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގޭސް ފުޅި ފަދަ ތަކެތި ގޮވާ، މީހުންގެ ފުރާނަ ގެއްލި، ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުން ލިބުމަކީ ރާއްޖޭގައި ހިނގާ ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާތަކެވެ. މި ފަދަ އެތައް ހާދިސާއެއް ކޮންސްޓްރަކްޝަން ސައިޓުތަކާއި ތަފާތު އެކި މަސައްކަތް ކުރާ ތަންތާނގައި ހިނގައި ބިދޭސީ އެތައް މުވައްޒަފެއްގެ ފުރާނަ ގެއްލިފައި އެބަ ހުއްޓެވެ.

އެގޮތުން ހދ. މަކުނުދޫގައި މީގެކުރިން ގޭސް ސިލިންޑަރެއް ގޮވާ ހިތާމަވެރި ހާދިސާއެއް ހިނގާފައިވާއިރު، މި ހާދިސާގައި ވަނީ ބިދޭސީ ދެ މުވައްޒަފަކު މަރުވެފައެވެ.