މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފިއެވެ.

ޑީއެންއާރުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މިގޮތަށް ނިންމާފައިވަނީ ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅުގައި ގިނަ ބަޔަކު އެއްވެ އުޅުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީއާއި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހިދުމަތް ހޯއްދެއްވުމުގައި ދަތިތަކެއް މެދުވެރިވެދާނެކަމަށް ފެންނާތީ ނިންމި ނިންމުމެއް ކަމަށެވެ.

އެހެންކަމުން ކާޑުގެ މުއްދަތު ހަމަވެގެން ކާޑު އާކުރަންޖެހިފައިވާ އެންމެންގެ ކާޑުގެ މުއްދަތު މިއަހަރުގެ އޮގަސްޓްގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ޑީއެންއާރުން ބުނެއެވެ.

ޑީއެންއާރުން ވަނީ ސަރުކާރުގެ ހުރިހާ މުއައްސަސާއަކުންވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އައިޑީކާޑުގެ މުއްދަތު ބަލާއިރު މިގޮތަށް އަމަލު ކުރުމަށް އެދިފައެވެ.

ކާޑުގެ މުއްދަތު އިތުރުކުރި ނަމަވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންނަށް އޮންލައިންކޮށް ކާޑު ހެދުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ޑީއެންއާރުން ބުނެއެވެ.