މާލެ ފިޔަވައި އެންމެ ބޮޑު އާާދީއެއް އޮންނަ އައްޑޫގެ ބިން ހިއްކުމާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު 24 މަސްދުވަސްތެރޭ ނިމޭނެކަމަށާ މި މަޝްރޫއަށް 70-75 މިލިއަން ޑޮލަރުގެ ދެމެދުގެ އަދަދެއް ހަރަދުވެގެން ދާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފިއެވެ.

މި މަޝްރޫގެ ދަށުން އައްޑޫގައި 228 ހެކްޓަރުގެ ބިން ހިއްކޭނެ ކަމަށާ އެއީ އައްޑޫ ސިޓީގެ ހިތަދޫ، ހުޅުދޫ/މީދޫ (38 ހެކްޓަރު، 5 ހެކްޓަރުގެ 2 ރިސޯޓް ރަށާއި ލައިގެން) އަދި މަރަދޫ/މަރަދޫފޭދޫ (75 ހެކްޓަރު) ކަމަށް ކޮމިޝަނުން ބުނެއެވެ.

ބިން ހިއްކުމުގެ މި މަޝްރޫއުގެ ޒޯނިން ޕްލޭން ތަކުގެ ދަށުން މިހާރު ހުރި ހާބަރު ފްރަންޓް ފެސިލިޓީތަށް އަޕްގެރޭޑް ކުރެވި، ވިޔަފާރި އަދި މުޖުތަމައުގެ ބޭނުން ތަކަށާއި، އައްޑޫ ސިޓީގެ ރަށްތަކުގެ ރައްޔިތުންގެ ރެޒިޑެންޝަލް ބޭނުންތައްވެސް ބިން އެލޮކޭޓް ކުރެވިގެންދާނެއެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓާގެ އިންވެސްޓަރުން ރިސޯޓް ތަރައްގީ ކުރުމަށް ރަށްތައް އުފެއްދުމަށްޓަކައި ލެގޫން ރިކްލެއިމް ކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި މަޝްރޫއުގެ ތެރޭގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ހިމެނުމުގެ ސަބަބުން ޕްރައިވެޓް ސެކްޓާ އިންވެސްޓްމެންޓަަށް ބޭނުންވާ އިންފްރާންސްޓްރަކްޗާ ތަރައްގީކުރުން ހިމެނެއެވެ. އަދި މީގެ ސަބަބުން އައްޑޫގެ އިގްތިސޯދު ކުރިއަރައި ވަރުގަދަވެގެން ދާނެއެވެ.

މި މަޝްރޫއުގެ ޓެންޑަރަށް ބިޑް ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި ބިޑް ހުށައެޅުމުގެ ފަހު ތާރީހަކީ ޖޫން 15، 2021 އެވެ. ހަތަރު ބައިނަލްއަގުވާމީ ޑްރެޖިން ކުންފުނިތަކުން އެ ކުންފުނިތަކުގެ އިންޑިއާގެ ސަބްސިޑިއަރީތައް މެދުވެރިކޮށް ބިޑް ހުށައަޅާނެ ކަމަށާ މަޝްރޫއުއަށް ކުންފުނި ހޮވުމުގެ ކުރިން ކުރަން ޖެހޭ ބިޑް ތަކުގެ ޓެކްނިކަލް އަދި ފައިނޭންޝަލް އިވޭލުއޭޝަން ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ފަރާތުން ކަމަށް މައުލޫމާތު ލިބެއެވެ.