މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގެ މަސް މާރުކޭޓުގައި ހުންނަ އަށިމަތީގައި ތާޒާކޮށް މަސް ބަހައްތައިގެން ވިއްކޭ ގޮތް ހަމަޖައްސައިފިއެވެ.

މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަސް މާރުކޭޓުގައި މަސް ވިއްކަން އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށެވެ. އެގޮތުން އަށީމަތީގައި ބަހައްތައިގެން މަހުގެ ތާޒާކަން ދެމެހެއްތޭ ގޮތަށް މަސް ވިއްކަން މިހާރު ވާނީ ފަށާފައި ކަމަށް މޭޔަރު ވިދާޅުވިއެވެ. ހަމައެއާއެކު މަސްވެރިންނާއި ގަނެވިއްކާ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު އިތުރު ގިނަ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެކުރިން މަސް މާރުކެޓުގައި މަސް ވިއްކަމުން އައީ އައިސް ފޮށިތަކުގައިއެވެ.

މަސް މާރުކޭޓަށް ގެންނަން ނިންމާފައިވާ އިތުރު ބަދަލުތަކުގެ ތެރޭގައި މަސްމާރުކޭޓްގައި މަސްވެރިންނާއި، މަސް ގަނެ ވިއްކާ މީހުންނަށް މާރުކޭޓުން ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން ގުރުއަތު ނަގައިގެން އަށި ދޫކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކުދި މަސް ވިއްކާ ގޮޅިތައް ކުރިން، ހަފްތާ ބަންދުގައި ދޫނުކުރި ނަމަވެސް، މިހާރު ހުކުރު ދުވަހު ވެސް ކުދި މަސް ވިއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން އެން ހިފައިގެން އަންނަ މަސްވެރިންނަށް ބަނދަރުގައި މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއް ވެސް ވަނީ ހަމަޖައްސާފައެވެ.