ސްކޭމްތައް ހުއްޓުވާ ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށް މޯލްޑިވްސް ޑިޖިޓަލް ޕާޓްނާޝިޕްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ނެޝަނަލް ސެންޓާ ފޯ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި މާސްޓާކާޑް ގުޅިގެން ސްޓްރެޓިޖިކް އެސްބަސްވުމެއްގެ ދަށުންނެވެ.

މި އެމްއޯޔޫއާއި ގުޅޭގޮތުން ބީއެމްއެލް އިން ބުނީ މިއީ 5 އަހަރު ދުވަހަށް ދެމިގެންދާގޮތަށް ހެދިފައިވާ އެއްބަސްވުމެއް ކަމަށާއި، މި އެއްބަސްވުމުގެ ދަށުން މައިގަނޑު 7 ދާއިރާއަކުން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެންސީއައިޓީ އިން ތަރައްގީކޮށް ބަލަހައްޓަމުންދާ އީފާސް އާއި ސްމާޓް އައިޑީގެ ތެރެއިން އިލެކްޓްރޯނިކްކޮށް ނުވަތަ ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ހިންގޭނެ ހަރުދަނާ ސިސްޓަމްތަކެއް ގާއިމުކުރުން ހިމެނޭ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން ސައިބާ ސެކިއުރިޓީ ވަރުގަދަކުރުން ހިމެނޭ ކަމަށާއި، ޑިޖިޓަލް ޕޭމަންޓް ސިސްޓަމްތައް އިތުރަށް ހަރުދަނާކުރުމާއެކު މުއާމަލާތްތަކުގެ ރައްކާތެރިކަން ކަށަވަރުވެ އޭގެ ސަބަބުން ސްކޭމްތަކާއި އެނޫންވެސް މަކަރާއި ހީލަތުން ހިންގާ މުއާމަލާތްތައް މަދުކުރެވިގެންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އަދި މާސްޓާ ކާޑުގެ ފަންނީ ތަޖުރިބާ ހިއްސާކޮށް އޭގެ އެހީގައި ރާއްޖެއަށް ކުރިއެރުން ހާސިލުކުރެވޭނެ ގޮތްތައް ހޯދާ މި 3 މުއައްސަސާ އިން ގުޅިގެން މަސައްކަތް ކުރެވޭނެމަގު މި އެމްއޯޔޫ މެދުވެރިކޮށް ހުޅުވިގެންދާނެކަމަށްވެސް ވަނީ ބުނެފައެވެ.

މި އެމްއޯޔޫގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފެވެ. އެންސައިޓީގެ ފަރާތުން އެ ކުންފުނީގެ އިސްވެރިޔާ ޑރ. މުހައްމަދު ކިނާނަތު ސޮއިކުރައްވާފައިވާއިރު، މާސްޓާ ކާޑުގެ ފަރާތުން ސޮއި ކުރެއްވީ މާސްޓާ ކާޑް އޭޝީޔާ ޕެސިފިކްގެ ސީނިއާ ވައިސް ޕްރެސިޑެންޓް ސަޕަން ޝާހްއެވެ.

ފާހަގަކުރެވޭ ގޮތުގައި ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށް ވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ހިދުމަތް ފޯރުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަސައްވުރުގެ ދަށުން ދިވެހިރާއްޖެ 2.0 ވަނީ އިފްތިތާހުކޮށްފައެވެ. ޑިޖިޓަލް ވަސީލަތްތަކުން ރާއްޖެއަށް ގެންނަން އުޅޭ ބަދަލު ބައްޓަންކޮށް، ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަންފާ އާއި ލާބައަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު، ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ޒިންމާދާރު ކުރެވޭނެ ގޮތަށް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.