މާލެ ސަރަހައްދުގައި ކިޔަވައިދޭ ސްކޫލަތައް މި ދިރާސީ އަހަރު ނިމެން ދެން ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

2020 ވަނަ އަހަރުގެ ދިރާސީ އަހަރު ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ވަނީ މި ހިނގާ ޖޫން މަހުގެ 24 އާ ހަމައަށް ދަންމާލާފައެވެ.

މި ފިޔަވަޅު އަޅާފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެމުން ދާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. މި ދިޔަ މެއި މަހު ކޭސްތައް އިތުރުވެގެން އައި އިރު ގިނަ ކުޑަކުދިންނަށް މި ބަލީގައި ބޮޑުވަރުވެފައި ވާ ކަމަށް ސިއްހީ މާހިރުން ބުނެފައި ވެއެވެ. ހަމައެއާއެކު މި މަހުގެ 2 ވަނަ ދުވަހު މި ބަލީގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ވަނީ ކުޑަކުއްޖަކު މަރުވެފައެވެ.

ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި މިހާރު ގެންދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާ ކާފިއު ވަގުތުތަކެއް ތަންފީޒު ކުރަމުންނެވެ. 2 ހަފްތާއިން 2 ހަފްތާއިން އާ ކުރާ އެ ފިޔަވަޅުތައް އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިތުރު ހަފްތާއަކަށް ދަންމާލާފައެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަލާފައިވާ ފިޔަވަޅުތައް ކުރިއަށް އޮތް ހަފްތާއަށް ބެލުމަށް ފަހު އަދި ދެ ހަފްތާއަށް ދަންމާލަން ޖެހިދާނެ ކަމަށް ވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. މި ފިޔަވަޅުތައް އަޅަމުން ދަނީ ޓެގް ޓީމްގެ އިރުޝާދާ އެކުގައި ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ހިންގާ 16 ގަޑިއިރުގެ ކާފިއުގެ އިތުރުން ކާފިއު ނޫން ވަގުތުވެސް ފާހެއް ނެތި ބޭރުގައި ނޫޅެވުން ހިމެނެއެވެ. ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައި ދިނުމާއި މިސްކިތްތައް ބަންދުކުރުމުގެ އިތުރުން ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ކެއިންބުއިމުގެ ހިދުމަތް ދިނުން ވެސް ވަނީ ހުއްޓާލާފައެވެ.

މިހާރު ދިރާސީ އަހަރުގެ ކިޔެވުން ނިމި ޗުއްޓީވާ ދުވަހަކަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ޖޫން 24 ވަނަ ދުވަހެވެ. އަދި 2021 ވަނަ ދިރާސީ އަހަރުގެ ކިޔެވުން 10 އޯގަސްޓުގައި ފަށަން ނިންމާފައިވާ އިރު އެ އަހަރުގެ ކިޔެވުން ނިމޭނީ 2022 ވަނަ އަހަރުގެ ޖޫން 30 ވަނަ ދުވަހުއެވެ.