ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ބޭސްފަރުވާއަށް ކްރިމިނަލް ކޯޓުން ދިން މުއްދަތު ހަމަވެއްޖެއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ.

ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވެ ސޮއިކޮށްފައިވާ އިގުރާރުގައި ބުނެފައިވަނީ ޕާސްޕޯޓް ދޫކުރާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ނުފިއްލަވާނެ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް އޭނާ އެނބުރި ރާއްޖެއަށް ވަދައިގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް ޖާމިނު ވުމުގެ އިގުރާރުގައިވާ ގޮތަށް ކޯޓުގެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވަނީ ޖާމިނުވާ މީހާ އިގްރާރާ ހިލާފުވެއްޖެނަމަ އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ނުވަތަ ދެ އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމަށް ނުވަތަ 15،000 ރުފިޔާއަށް ވުރެއް ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް ހުކުމް ކުރެވިދާނެ ކަމަށެވެ.

އަލީ ވަހީދުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ.