ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެބަލިން ރަނގަޅުވި މީހުންގެ އަދަދު ބައި ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.
މިދިޔަ 24 ގަޑިއިރުތެރޭ 1369 ރަނަގަޅު ވުމާއެކު، މުޅިއެކު މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 51،213 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް ބޭރުގައި އުޅޭ ވަގުތު މަދުކުރުމާ އެކު އަނެއްކާވެސް ވަނީ ކޭސްތައް މަދުވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު ވެސް މަދުވާން ފަށާފައެވެ.
މި މަސް ފެށުނު ފަހުން ކޭސްތައް މިހާރު ރިޕޯޓް ކުރަމުން ދަނީ 700 އާއި 400 އާ ދެމެދުގައެވެ. އަދި އިއްޔެ ބޮޑުތަނުން ޕޮޒިޓިވް ކޭސް ވަނީ ދަށްވެފައެވެ. އެގޮތުން އިއްޔެ ޕޮޒިޓިވްވީ 370 މީހުންނެވެ. ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 68،872އަށް އަރާފައިވާއިރު އެކްޓިވް ކޭސް 17،461 އަށް ވަނީ އަރާފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭމީހުންގެ އަދަދު ވެސް މިވަނީ ދަށްވާން ފަށާފައެވެ. އެގޮތުން މިހާރު ހޮސްޕިޓަުގައި ފަރުވާ ދެމުންދަނީ 152 މީހުންނަށެވެ.
ކޮވިޑް ބަލީގައި ރާއްޖެއިން 189 މީހުން މަރުވެފައިވާއިރު އިއްޔެ މިބަލީގައި މަރުވެފައިވަނީ އެކަކެވެ. މިއީ މިމަހުގެ މިހާތަނަށް އެންމެ މަދު މީހުން މިބަލީގައި މަރުވި ދުވަސް ވެސް މެއެވެ.
ކޮވިޑުން ރައްކާތެރި ވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4 އިން ފެށިގެން ހެނދުނު 8 އަށް ކާފިއު ހިންގަން ވަނީ ފަށާފައެވެ. ހަމައެއާއެކު ކާފިއު ނޫން ވަގުތު ތަކުގައި ވެސް ބޭރަށް މީހުން ނުކުމެ އުޅުމުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ގޮތުން ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރަން ނިންމާފައި ވާއިރު އެއިން ފާހެއް އޮވެގެން މެނުވީ ބޭރަަކަށް ނުނިކުމެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
އަދި މި ނިންމުން ތަންފީޒު ކުރާ އިރު މާލެ ސަރަަހައްދު ދެ ޒޯނަކަށް ބާހާލައިގެން މޫވްމަންޓް ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަަޖައްސާފައެވެ. އެ ގޮތުން އެއް ޒޯނަކީ ހުޅުމާލެއެވެ. އަނެއް ޒޯނަކީ މާލެއާއި ވިލިމާލެއެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހަކަށް މާލެއަށް ނޭރޭނެއެވެ. އަދި މާލެއާއި ވިލިމާލޭގައި އުޅޭ މީހަކަށް ހުޅުމާލެއަށް ނޭރޭނެއެވެ.
މި ފިޔަވަޅުތައް މިހާރު ވަނީ އިތުރު އެއް ހަފްތާ އަށް އިތުރުކޮށްފައެވެ.
އަދިވެސް ނިއު ނޯމަލް އަކަށް ދިޔުމަށްޓަކައި ޕޮޒިޓިވް ވާ އަދަދު ދަށްކުރަން ޖެހޭކަން ގަބޫލުފުޅު ކުރައްވާ ކަަމަށް ރައީސް އިބްރާހިމް މުހައްދު ސޯލިހު އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ. އެއް ހަފްތާއަށް ދިގު ދަންމާލުމަށް ފަހު ކޭސްތައް ދަށް ނުވެއްޖެ ނަމަ ފިޔަވަޅުތައް އިތުރަށް ދަހަމައްޓަން ޖެހޭނެ ކަމަށާއި، ނަމަވެސް އަދަދުތައް ދަށް ވާނަމަ އިތުރު ލުއި ތަކާއެކު އިތުރު އެއްހަފްތާއަށް ފިޔަވަޅުތައް ދަމަހައްޓާނެ ކަަމަށް ވެސް އެމނަިކުފާނު ވިދާޅުވިއެވެ.