ސަރުކާރުގެ ފަރާތުން މަތީ ތައުލީމް ހާސިލް ކުރާ ދަރިވަރުންނަށް ދެމުންދާ ސްޓޫޑަންޓް ލޯން ދައްކަން ޖެހޭ މުއްދަތް މި އަހަރުގެ ނިޔަަލަށް ދަންމާލައިފިއެވެ.

މިގޮތަށް ނިންމާފައިވާ ކަން އިއުލާން ކުރައްވާފައި ވަނީ މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ވިދާޅުވީ، ސްޓޫޑަންޓް ލޯން ދެއްކުން ފަސްކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބައްދަލުކޮށް މަޝްވަރާކޮށް އެގޮތަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާރު އަނެއްކާވެސް ކޮވިޑް ބަލި ހަލުވި ކަމާއެކު ފެތުރެމުން ދާތީ އެކަމުން ރައްކާތެރި ވުމަށް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ގިނަ މީހުންގެ އާމްދަނީއަށް އަސަރުކޮށްފައި ވުމާ އެކު އާއްމު ހާލަތަށް ރުޖޫއަވުމަށް ވަގުތު ނަގާނެތީ އެކި ދާއިރާތަކުން ސަރުކާރުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

އެގޮތުން މަތީ ތައުލީމާއި ތަމްރީން ހާސިލް ކުރުމަށް ސަރުކާރުން ދޫކުރާ ލޯންގެ އެހީގައި ކިޔަވަމުންދާ ދަރިވަރުންގެ ލޯން ދައްކަންޖެހޭ މުއްދަތު މިއަދު ވަނީ ފަސްކޮށްދީފައެވެ. ސަރުކާރުން އެންމެ ފުރަތަމަ ލޯން ދެއްކުން ފަސްކޮށް ދިނީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ. ލޯން އަނބުރާ ދެއްކުން އެފަހަރު 6 މަސް ދުވަހަށް ފަސްކޮށްދިނެވެ. އަދި އެއަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ މިދިޔަ އަހަރުގެ ނިޔަލަށް ލޯން އަނބުރާ ދެއްކުން ފަސްކޮށްދީފައެވެ.

ސްޓޫޑަންޓް ލޯން އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ މަތީ ތައުލީމް ހާސިލު ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު 514 ދަރިވަރުންނަށް ލޯން ދޫކޮށްފައި ވެއެވެ. މި ލޯންތަކަށް 150 މިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދު ވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަދި މިއަހަރު 770 ފުރުސަތު ހުޅުވާލާ ވަގުތީ ލިސްޓެއް ހަދާ 417 ދަރިވަރަކަށް ވަނީ ލޯން ދޫކޮށްފައެވެ. މި ލިސްޓްގެ ފައިނަލް ލިސްޓް މިމަހުގެ 20 ވަނަ ދުވަހު އިއުލާން ކުރަން ނިންމާފައި ވާއިރު މިފަހަރު 137 މިލިޔަން ރުފިޔާ ލޯނަށް ވަނީ ކަނޑައަޅާފައެވެ.