ކ. ފަރުކޮޅުފުށި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފަރުކޮޅުފުށި ތަރައްގީކުރުމަށް ނިންމާފައިވަނީ ޖޫން 7، ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި އެ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މާލޭ ސިޓީ ކައުންސިލްއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުގެ އިހުތިސާސް ތެރޭގައި ހިމެނޭ ރަށްތަކުގެ ތެރޭގައި ފަރުކޮޅުފުށި ހިމެނޭ ކަމަށެވެ. އަދި އެރަށް މިހާރު އޮތީ ފަޅުުރަށެއްގެ ގޮތުގައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ ކައުންސިލުގެ ނިންމުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދެވޭނެ ރަށަކަށް ފަރުކޮޅުފުށި ހެދުމެވެ. އަދި ފަރުކޮޅުފުށީގައި އެއްވެސްކަމެއް ކުރާނަމަ އެ ކައުންސިލްގެ ބައިވެރިވުން ހިމެނެން ޖެހޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި މާލޭގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިޔުމަށް ޕިކްނިކް އައިލެންޑެއް ހެދުން ހިމެނިފައިވާއިރު، ފަރުކޮޅު ފުއްޓަކީ މާލެއާ ކައިރި ކުރިން ރިސޯޓެއްގެ ގޮތުގައިވެސް ބޭނުންކުރެވިފައިވާ ރަށެކެވެ. މިހާރު އެރަށް ބޭނުންކުރަމުން ދަނީ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައެވެ.