ހުޅުމާލެ ފޭސް 2، ފަރުކޮޅުފުށީގެ ބިންތައް ކުއްޔަށް ދިނުން މަޑުޖައްސާލުމަށް އޭންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯ އަށް އަންގައިފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެމުން އޭސީސީގެ މީޑީއާ އޮފިޝަލު ނިޝާން މުހައްމަދު ވިދާޅުވީ ފަރުކޮޅުފުށީގެ ބިންތައް ކުއްޔަށް ދިނުމާ ގުޅޭ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ތަހުގީގުތައް އެ ކޮމިޝަނުން ކުރިއަށް ގެންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފަރުކޮޅުފުށި ކުއްޔަށް ދިނުމާ ގުޅޭ މުއާމަލާތްތައް މަޑުޖައްސާލުމަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ފަރުކޮޅުފުއްޓަކީ ކުރިން ރިސޯޓެއްގެ ގޮތުގައި އޮތް އަދި މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެެއްގެ ގޮތުގައި އޮންނަ ތަނެކެވެ.

ފަރުކޮޅުފުށި ކުއްޔަށް ދިނުން މަޑުޖައްސާލުމަށް އޭސީސީއިން އަންގާފައިވާއިރު އިންތިގާލީ މަރުހަލާގައި އާބަންކޯއިން ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންދާތީ އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށެވެ. އަދި މި މުއާމަލާތްތަކުގެ ތެރޭގައި، ބޭރުގެ ފަރާތްތަކަށް ބިން "ލީޒް" ކުރުމުގެ މުއާމަލާތްތަކެއް ހިމެނޭ ކަމަކީ އިތުރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށްދިނުމާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާތީ އެ އެކަމާ ގުޅިގެން ކުރިޔަށް ގެންދާ އެންމެހައި ކަންކަން މަޑުޖައްސާލުމަށް އެ ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު ވަނީ އަންގާފައެވެ.