ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު އަނެއްކާވެސް މަރުވެއްޖެއެވެ.

މިއީ މިއަދު ކޮވިޑް ޖެހިގެން މަރުވި 2 ވަނަ މީހާއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 09:33 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަަ ފަންގިފިލާގައި ފަރުވާދެމުންދިޔަ 100 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އަދި މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 187 ވަނަ މީހާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް ޖެހިގެން މިއަދު ކުރިން މަރުވެފައިވަނީ ހުުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑް ޖެހިގެން އިއްޔެވެސް ވަނީ 3 މީހަކު މަރުވެފައެވެ. މި 3 މީހުންވެސް މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އިއްޔެ މަރުވި ތިން މީހުންގެ ތެރޭގައި ހިމެނެނީ 93 އަހަރުގެ ދިވެހި ފިރިހެނަކާ، 82 އަހަރުގެ ދިވެހި އަންހެނަކާ އަދި 41 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއަދުގެ މަރާއެކު މުޅި ޖުމުލަ މިމަހު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 26 އެވެ.

ރާއްޖެއިން އެންމެ ގިނައިން ކޮވިޑް ޖެހިގެން މީހުން މަރުވެފައިވަނީ މޭ މަހުއެވެ. މޭ މަހު ޖުމުލަ 88 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާއިރު މޭ މަސް ފާހަގަކޮށްލެވެނީ ކޮވިޑް ކޭސްތައްވެސް ރެކޯޑް އަދަދަކަށް އިތުރުވި މަހެއްގެ ގޮތުގައެވެ.