ކޮވިޑް ޖެހިގެން ރާއްޖެއިން އަނެއްކާވެސް މީހަކު މަރުވެއްޖެއެވެ.

މިއީ ކޮވިޑް ޖެހިގެން މިއަދު މަރުވި ފުރަތަމަ މީހާއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ 12:19 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 86 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައިވާ ކަމަށެވެ. އަދި މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 186 ވަނަ މީހާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް ޖެހިގެން އިއްޔެވެސް ވަނީ 3 މީހަކު މަރުވެފައެވެ. މި 3 މީހުންވެސް މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އިއްޔެ މަރުވި ތިން މީހުންގެ ތެރޭގައި ހިމެނެނީ 93 އަހަރުގެ ދިވެހި ފިރިހެނަކާ، 82 އަހަރުގެ ދިވެހި އަންހެނަކާ އަދި 41 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއަދުގެ މަރާއެކު މުޅި ޖުމުލަ މިމަހު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 25 އެވެ.

ރާއްޖެއިން އެންމެ ގިނައިން ކޮވިޑް ޖެހިގެން މީހުން މަރުވެފައިވަނީ މޭ މަހުއެވެ. މޭ މަހު ޖުމުލަ 88 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާއިރު މޭ މަސް ފާހަގަކޮށްލެވެނީ ކޮވިޑް ކޭސްތައްވެސް ރެކޯޑް އަދަދަކަށް އިތުރުވި މަހެއްގެ ގޮތުގައެވެ.