ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ހާޒިރުކޮށްފިއެވެ.

މޭޖާ ޖެނެރަލް ޝަމާލް 241 ކޮމިޓީއަށް ހާޒިރުވަނީ/ ފޮޓޯ: މަޖިލިސް

މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓެއްގައި ބުނީ ޝަމާލް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމެންޓްރީ އިންކުއަރީއަށް މިއަދު ހާޒިރުކޮށްފައިވާ ކަމަށެވެ.

ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް އިއްޔެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އ ހާޒިރު ކުރި އިރު މިއަދު މާލޭ ސިޓީގެ ކުރީގެ މޭޔާ ޝިފާ މުހައްމަދު އަދި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، މުހައްމަދު އަސްލަމް ވެސް ވަނީ ހާޒިރުކޮށްފައެވެ.

ޝަމާލް މިއަދު ކޮމިޓީއަށް ހާޒިރުވެފައިވާއިރު އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ އެ މުއައްސަސާގެ ފަރާތުން ކަމަށް ބުނެފައެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް މިއަދަށް މަހެއް ވީއިރު، މި ހަމަލާގައި ސީދާ ބައިވެރިވި މީހުންގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައިވެއެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު/ ވ. ތިނަދޫ، ހިޔާ، 25އ އާއި މުޖާޒް އަހްމަދު/ މއ. ފޭރުގެ، 21އ އާއި ތަހުމީން އަހްމަދު/ ގއ. ކޮނޑޭ، ފޮޅޭމާ، 32އ އާއި އަހްމަދު ފާތިހު/ ލ. ގަން، ދުންފިނިއުފާ، 23އ އެވެ.