ކޮވިޑް-19 ބަލިޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 82 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހެނދުނު 08:00 ގައި މަރުވެފައިވާ ކަމަށެވެ.

މިއާއެކު ކޮވިޑުގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 184 އަށް އަރާފައެވެ.

މިއީ މިބަލީގައި މިއަދު މަރުވި ދެވަނަ މީހާއެވެ. މިއަދު ފުރަތަމަ މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ރޭ ދަންވަރު 00:47 އެވެ.

އިއްޔެ ކޮވިޑުގައި 5 މީހަކު މަރުވެފައިވާއިރު 4 މީހުން މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީންނެވެ.

އެއީ 72 އަހަރުގެ ދިވެހި އަންހެނަކާ، 64 އަހަރުގެ ދިވެހި އަންހެނަކާ، 79 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 68 އަހަރުގެ ދިވެހި އަންހެނެކެވެ. އިއްޔެ 5 ވަނަ މަރަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ 28 އަހަރުގެ ދިވެހި އަންހެނެކެވެ.

މިމަހުގެ މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 23 އަށް އަރާފައިވާ އިރު މިދިޔަ މަހު މި ބަލީގައި ރާއްޖެއިން 88 މީހުން ވަނީ މަރުވެފައެވެ.