ކޮވިޑް-19 ބަލިޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 93 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ދަންވަރު 00:47 ގައި މަރުވެފައިވާ ކަމަށެވެ.

މިއާއެކު ކޮވިޑުގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 183އަށް އަރާފައެވެ.

މިއީ މިއަދު މިބަލީގައި މަރުވި ފުރަތަމަ މީހާއެވެ. އިއްޔެ ކޮވިޑުގައި 5 މީހަކު މަރުވެފައިވާއިރު 4 މީހުން މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީންނެވެ. އެއީ 72 އަހަރުގެ ދިވެހި އަންހެނަކާ، 64 އަހަރުގެ ދިވެހި އަންހެނަކާ، 79 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 68 އަހަރުގެ ދިވެހި އަންހެނެކެވެ. އިއްޔެ 5 ވަނަ މަރަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ 28 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެނުނުތާ މިހާތަނަށް 455 ދުވަސްވެފައި ވާ އިރު މި ދިޔަ މެއި މަހަކީ ރާއްޖެއިން މި ބަލިގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މެއި މަހު 88 މަރު ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެންމެ ގިނަ މީހުން މަރުވި ދުވަހެއްގެ ގޮތުގައި ރިޕޯޓް ކޮށްފައި ވަނީ މެއި 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ 13 މީހަކު މި ބަލީގައި މަރުވެފައެވެ.